ޚަބަރު

އައިއެސްގެ ޙަމަލާއެއްގެ އިންޒާރާއެކު ކާބުލްގެ ވައިގެ ބަނދަރު ބިރުވެރިކަމެއްގެ ތެރޭގައި


އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އައިއެސް ޖަމާޢަތުން ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ޙަމަލާއެއް ދޭން މަސައްކަތްކުރާކަމުގެ ޞައްޙަ މަޢުލޫމާތު ލިބިފައިވާކަމަށް އެމެރިކާއާއި ހުޅަނގުގެ އަސްކަރީ ބާރުތަކުން ބުނެފިއެވެ.

އޮގަސްޓު މަހުގެ 15ވަނަ ދުވަހު ޠާލިބާން ޖަމާޢަތުގެ ބާރުގެ ދަށަށް އަފްޣާނިސްތާން ގެނައުމުން އެ ޤައުމު ދޫކޮށް ދާން ބޭނުންވާ އެތައް ހާސް ޢާންމުންވަނީ ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ހުންނަ ސަރަޙައްދަށް ޖަމާވެފައެވެ. އަދި އެމެރިކާއާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ އަސްކަރީ މަތިންދާބޯޓުތަކުގައި އެ ޤައުމުތަކުންވަނީ ފާއިތުވި ދެ ހަފުތާގެ ތެރޭގައި އެތައް ހާސް ބަޔަކު އަފްޣާނިސްތާނުން ބޭރަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ހުޅަނގުގެ އަސްކަރީ ފައުޖުތަކާއެކު އަފްޣާނިސްތާނުގައި ޙަރަކާތްތެރިވެފައިވާ ސިފައިންނާއި އަސްކަރީ މުވައްޒަފުންނާއި ޚާރިޖީ މުވައްޒަފުންނާއި ބޭރުގެ ވިޔަފާރިވެރިންނާއި ހުޅަނގުގެ ފައުޖުތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ އަފްޣާނިސްތާނުގެ ރައްޔިތުންނާއި އެ މީހުންގެ ޢާއިލާތައް ހިމެނެއެވެ. އެމެރިކާއިން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އޮގަސްޓު 14ވަނަ ދުވަހުގެ ފަހުން 82،000އަށްވުރެ ގިނަ މީހުންވަނީ ސަލާމަތްތެރިކަމާއެކު އަފްޣާނިސްތާނުން ބޭރަށް ގެންގޮސްފައެވެ.

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ އެމެރިކާގެ އެންބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައިއެސް ޖަމާޢަތުން ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ޙަމަލާއެއް ދޭން މަސައްކަތްކުރާކަމުގެ ޞައްޙަ މަޢުލޫމާތު ލިބިފައިވާކަމަށާއި އެ ސަރަޙައްދަށް ޖަމާވެފައިވާ ޢާންމުން އެ ސަރަޙައްދު ދޫކޮށް ދިޔުމަށް ނަޞޭޙަތްތެރިވާކަމަށެވެ. އެމެރިކާގެ އިތުރުން އިނގިރޭސިވިލާތާއި އޮސްޓުރޭލިޔާއިންވެސް ބުނެފައިވަނީ އައިއެސްގެ ނުރައްކާތެރި ޙަމަލާއެއްގެ ޞައްޙަ މަޢުލޫމާތު ލިބިފައިވާކަމަށާއި ވައިގެ ބަނދަރަށް ޖަމާވެފައިވާ ޢާންމުން އެ ސަރަޙައްދުން ދިޔުން މުޙިންމުކަމަށެވެ.

އަފްޣާނިސްތާނުގެ ވެރިކަންކުރާ ޠާލިބާނުން ބުނެފައިވަނީ ކާބުލްގެ ވައިގެ ބަނދަރު ހިމެނޭ ސަރަޙައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެ ޖަމާޢަތުން މަސައްކަތްކުރާކަމަށެވެ. މީގެ ކުރިން ޠާލިބާނުންވެސްވަނީ ވައިގެ ބަނދަރު ހިމެނޭ ސަރަޙައްދުން ޢާންމުން ދިޔުމަށް އެކި ފަހަރުމަތިން އިލްތިމާޞްކޮށްފައެވެ. އޮގަސްޓު 31ވަނަ ދުވަހު އެމެރިކާއާއި ނޭޓޯގެ ހުރިހާ ފައުޖެއް އަފްޣާނިސްތާނުން ފޭބުމުން އެ ޤައުމުން ބޭރަށް ޢާންމުން ގެންދިޔުމުގެ މަސައްކަތް ހުއްޓޭނެތީ އެތައް ހާސް ރައްޔިތުންގެ ފުރާނައަށް ނުރައްކާވި ނަމަވެސް ކާބުލްގެ ވައިގެ ބަނދަރު ހުންނަ ސަރަޙައްދުން އެ މީހުން ދުރަށް ގޮސްފައެއް ނުވެއެވެ.