ޚަބަރު

ކްރިމިނަލް ކޯޓުގައި ތާވަލުކުރި އަލީ ވަހީދުގެ ޝަރީޢަތް ކެންސަލްކޮށްފި


ކްރިމިނަލް ކޯޓުގައި މިއަދު ބާއްވަން ތާވަލުކުރި، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކުގެ ޝަރީއަތް ކެންސަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި އަލީ ވަހީދުގެ ޝަރީޢަތް ތާވަލުކޮށްފައި އޮތީ މިއަދު ހެނދުނު 9:00 އަށް ޖަހާއިރަށެވެ. އަލީ ވަހީދުގެ ޝަރީއަތް ކެންސަލްކޮށްފައިވާއިރު ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ވަހީދުގެ ވަކީލުން ވަނީ އޭނާ ހައްޔަރުކޮށްފައިވާކަން ސިޓީއަކުން ކޯޓަށް އަންގާފައެވެ.

އަލީ ވަހީދު އިނގިރޭސިވިލާތުން ހައްޔަރުކޮށްފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު އިނގިރޭސިވިލާތުން ހައްޔަރުކުރިކަމުގެ މައުލޫމާތު ލިބިފައިނުވާކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ އަލީ ވަހީދު ހައްޔަރުކުރިކަމުގެ މައުލޫމާތެއް ފުލުހުންނާއި ގުޅޭ އެއްވެސް ފަރާތަކުން ހިއްސާކޮށްފައިނުވާކަމަށެވެ. އަދި ފޮރިން މިނިސްޓްރީންވެސް ވަނީ އަލީ ވަހީދު ހައްޔަރުކުރިކަމުގެ މައުލޫމާތު ލިބިފައިނުވާކަމަށް ވިދާޅުވެފައެވެ.

ބައެއް ޚަބަރުތައް ބުނާގޮތުން އަލީ ވަހީދު ހައްޔަރުކޮށްފައިވަނީ އިނގިރޭސިވިލާތުގައި ހުންނަން އެޤައުމުން ދީފައިވާ ވީޒާގެ މުއްދަތު ހަމަވުމުންނެވެ.

އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގަތީ، އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ދައުވާތަކެއް ކްރިމިނަލް ކޯޓުގައި ކޯޓުގައި އުފުލާފައިވަނިކޮށެވެ. އަދި އެމައްސަލަތައް އޮންލައިންކޮށް ކުރިއަށްގެންދިއުމާއި ގުޅޭގޮތުން ސުޕްރީމް ކޯޓުގައި އޮތް ޝަރީޢަތަކަށް އޭނާ ހާޒިރުނުވި މައްސަލައިގައި، ކޯޓު ހުރުމަތް ކަނޑައިގެން އޭނާ ވަނީ 2 މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އަދި އެ ހުކުމް ތަންފީޒުކުރުމަށް ސުޕްރީމް ކޯޓުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން ކަރެކްޝަނަލް ސަރވިސްއިން ވަނީ ހުކުމް ތަންފީޒުކުރުމަށް އަލީ ވަހީދު ރާއްޖެ ގެނައުމަށް ފުލުހުންގެ ކިބައިން އެދިފައިވާކަމަށެވެ.