އިލެކްޓްރޯނިކް ޓްރެވަލް އެޕްރޫވަލް، އީ.ޓީ.އޭ ސިސްޓަމް މެދުވެރިކޮށް ހުއްދަ ނަގައިގެން ދިވެހިންނަށްވެސް ސްރީލަންކާއަށް ދަތުރުކުރެވޭނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓްރީން މިހެން ވިދާޅުވެފައި މިވަނީ ސްރީލަންކާގެ ވިސާތަކަށް ބަދަލުތަކެއް އަންނާނެކަމަށް ބުނެ ލަންކާގެ މީޑިއާގައި ރިޕޯޓްކޮށްފައިވާ ޚަބަރުތަކާއި ގުޅިގެނެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ ސްރީލަންކާއަށް ޓޫރިސްޓް ވިސާގައި ދަތުރުކުރާ ދިވެހިން މިހާރުވެސް އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން، ސްރީލަންކާއަށް ދަތުރުކުރުމުގެ ކުރިން އިލެކްޓްރޯނިކް ޓްރެވަލް އެޕްރޫވަލް (އީ.ޓީ.އޭ) ސިސްޓަމް މެދުވެރިކޮށް ސްރީލަންކާއަށް އެތެރެވުމުގެ ހުއްދަ ނަގައިގެން އެޤައުމަށް ދަތުރުކުރެވޭނެކަމަށެވެ. އަދި އީ.ޓީ.އޭ މެދުވެރިކޮށް 50 ޑޮލަރުގެ ފީއަކަށް 180 ދުވަހުގެ ވިސާ ނެގޭނެކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ އަލަށް އަންނަ ބަދަލުތައް ތަންފީޒުވާން ފެށުމުން ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮންނަ ބައިލޭޓަރަލް އެއްބަސްވުމުގެ ދަށުން 90 ދުވަހުގެ ހިލޭ ވިސާ ކުރިއެކޭވެސް އެއްގޮތަށް ދެމުންދާނެކަމަށެވެ.
އީ.ޓީ.އޭ ސިސްޓަމް މެދުވެރިކޮށް ކުރިން ހުއްދަ ނަގައިގެން ލަންކާއަށް ދަތުރުކުރުމުގެ އުސޫލަކީ ކޮވިޑް-19 އާ ގުޅިގެން ސްރީލަންކާ ސަރުކާރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން އަޅާފައިވާ ފިޔަވަޅެކެވެ. އަދި ސްރީލަންކާއަށް ވިސާއާ ނުލާ އެތެރެވުމުގެ ހުއްދަ އޮންނަ އެހެން ގައުމުތަކުގެ ރައްޔިތުންވެސް އެގައުމަށް ދަތުރުކުރުމުގެ ކުރިން މިހާރު އީ.ޓީ.އޭ ސިސްޓަމް މެދުވެރިކޮށް ހުއްދަ ނަގަން ޖެހެއެވެ.