ދުނިޔޭގައި ފެތުރެމުންދާ ޗައިނާގެ ބާރާއި ނުފޫޒާ ދެކޮޅަށް ވިއެޓުނާމުން ކުރިމަތިލުމަށް އެހީތެރިވެދޭނެކަމަށް އެމެރިކާއިން ބުނެފިއެވެ.
ދެކުނު އިރުމަތީ އޭޝިޔާއަށް ކުރައްވަމުންދާ ހަތް ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ވިއެޓުނާމަށް ވަޑައިގެންނެވުމަށްފަހު އެމެރިކާގެ ނައިބު ރައީސް ކަމާލާ ހެރިސްވަނީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ އަސްކަރީ ޙަރަކާތްތައް ފުޅާކުރަމުންދާކަން ފާހަގަކުރައްވައި އެމެރިކާއިން އަބަދުވެސް ވިއެޓުނާމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެކަމަށް ވިދާޅުވެފައެވެ. އޭގެ އިތުރުން އޭނާވަނީ އެ ސަރަޙައްދަށް އެމެރިކާގެ އިތުރު މަނަވަރުތައް ފޮނުއްވުމަށް އެމެރިކާއިން ތައްޔާރަށް އޮތްކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.
ވިއެޓުނާމުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި ކަމާލާ ހެރިސްވަނީ ކޯވިޑް-19ން އަރައިގަތުމަށް އެ ޤައުމުން ކުރަމުންދާ މަސައްކަތްތަކުގައި އެމެރިކާގެ އެހީތެރިކަން ލިބޭނެކަމަށް ވިދާޅުވެފައެވެ. އެ ގޮތުން ވިއެޓުނާމަށް ބޭނުންވާ ވެކްސިންނާއި ޞިއްޙީ ސާމާނު އެމެރިކާއިން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އޭނާވަނީ ދެއްވައިފައެވެ.
ސިޔާސީ ތަޖުރިބާކާރުން ބުނާ ގޮތުގައި ކޯވިޑް-19ން އަރައިގަތުމަށް ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކަށް އެމެރިކާއިން ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމަށް މަސައްކަތްކުރަނީ އެ ސަރަޙައްދުގައި އޮންނަ ޗައިނާގެ ބާރާއި ނުފޫޒު ކުޑަކުރުމުގެ ބޭނުމުގައެވެ. ވިއެޓުނާމަށް ވަޑައިގެންނެވުމުގެ ކުރިން ސިންގަޕޫރަށް ވަޑައިގެންނެވުމަށްފަހުވެސް ކަމާލާ ހެރިސްވަނީ ވަރަށް ބޮޑަށް ޗައިނާއަށް ފާޑުކިޔުއްވައިފައެވެ.
އެމެރިކާގެ ވެރިކަމަށް ޖޯ ބައިޑަން ވަޑައިގެންނެވުމަށްފަހު އެމެރިކާގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ އަފްޣާނިސްތާނާއި ޢިރާޤާއި ސޫރިޔާފަދަ މެދުއިރުމަތީގެ ޤައުމުތަކުގައި އެމެރިކާގެ ފައުޖުތަކުން ކުރަމުންދާ ހަނގުރާމަތައް ނިންމުމަކަށް ގެނައުމަށްފަހު ޗައިނާއިން ކުރިމަތިކުރުވަމުންދާ ނުރައްކަލައި ކުރިމަތިލުމަށެވެ. ޚާއްޞަކޮށް ދެކުނު ޗައިނާ ކަނޑުގެ 80 އިންސައްތަ ސަރަޙައްދުގެ މިލްކުވެރިކަމަށް ޗައިނާއިން ކުރަމުންދާ ދަޢުވާއާ ދެކޮޅަށް ސަރަޙައްދީ ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް އެމެރިކާއިންވަނީ ބާރުއަޅައިފައެވެ. އެމެރިކާއިން ސިފަކުރާ ގޮތުގައި ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އަމަލުކުރަމުންދާ ގޮތުގެ ސަބަބުން ސަރަޙައްދީ ޤައުމުތަކުގެ ސަލާމަތާއި މިނިވަންކަމަށް އަސަރުކުރާނެއެވެ.