ޚަބަރު

ތާވަލާ އެއްގޮތަށް އެމެރިކާގެ ފައުޖުތައް އަފްޣާނިސްތާނުން ބޭލުމަށް ނިންމައިފި


އަފްޣާނިސްތާނުން އެމެރިކާގެ އަސްކަރީ ފައުޖުތައް ބޭލުމަށް ނިންމާފައިވާ ތާވަލާ އެއްގޮތަށް އަމަލުކުރުމަށް އެމެރިކާއިން ނިންމައިފިއެވެ. ތާވަލާ އެއްގޮތަށް އަމަލުކުރަން އެމެރިކާއިން ނިންމިކަން އިޢުލާންކޮށްފައިވަނީ އޮގަސްޓު 31ވަނަ ދުވަހުގެ ފަހުންވެސް އެ ޤައުމުގެ ސިފައިން އަފްޣާނިސްތާނުގައި ޙަރަކާތްތެރިވެދާނެކަމުގެ އިޝާރާތްތަކެއް އެ ޤައުމުގެ ރައީސް ޖޯ ބައިޑަން ދެއްވައިފައިވަނިކޮށެވެ.

އެމެރިކާގެ ރިޔާސީ އިދާރާގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމެރިކާގެ ރައީސް ބައިޑަން ވިދާޅުވީ އެމެރިކާގެ ފައުޖުތައް އަފްޣާނިސްތާނުން ބޭލުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚަކީ އޮގަސްޓު 31ވަނަ ދުވަސްކަމަށެވެ. އެމެރިކާއިން އެ ތާރީޚަށް އިޙްތިރާމުކުރާނެކަން ފާހަގަކުރައްވަމުން ބައިޑަން ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ސަލާމަތްތެރިކަމާއެކު އަފްޣާނިސްތާނުން ބޭރަށް ގެންދަންޖެހޭ މީހުންނަށް އެ ފުރުޞަތު ދިނުމަށް މެދުނުކެނޑި މަސައްކަތްކުރަންޖެހޭކަމަށެވެ.

އޮގަސްޓު މަހުގެ 15ވަނަ ދުވަހު ޠާލިބާން ޖަމާޢަތުގެ ބާރުގެ ދަށަށް ދެވަނަ ފަހަރަށް އަފްޣާނިސްތާން ގެނައުމުން އެ ޤައުމުގެ އެތައް ހާސް މީހުންނެއްވަނީ ޤައުމު ދޫކޮށް ދިޔުމަށް ވެރިރަށް ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ޖަމާވެފައެވެ. އެމެރިކާއާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއިން ބުނެފައިވަނީ ބޭރުގެ ފައުޖުތަކަށް ފާއިތުވި 20 އަހަރުދުވަހުގެ ތެރޭގައި އެކި ގޮތްގޮތުން އެހީތެރިވެފައިވާ އަފްޣާނިސްތާނުގެ ޢާންމުންނާއި އެ މީހުންގެ ޢާއިލާތަކަށް އެހެން ޤައުމުތަކުގައި ވަޒަންވެރިކުރުވާނެކަމަށެވެ. ނަމަވެސް ފަހުން އެމެރިކާއާއި ނޭޓޯގެ ޤައުމުތަކުންވަނީ ކާބުލްގެ ވައިގެ ބަނދަރަށް ޖަމާވެފައިވާ އެތައް ހާސް ބަޔަކު އަފްޣާނިސްތާނުން ގެންދިޔުމުގެ މަސައްކަތް ފަށައިފައެވެ. އެ ގޮތުން 10 ދުވަހުގެ ތެރޭގައި އެމެރިކާއިންވަނީ އަސްކަރީ މަތިންދާބޯޓުތަކުގައި 22،000 މީހުން އަފްޣާނިސްތާނުން ބޭރަށް ގެންގޮސްފައެވެ. އިނގިރޭސިވިލާތުން ބުނެފައިވަނީ އެ ޤައުމުގެ އެހީތެރިކަމާއެކު 7،000އަށްވުރެ ގިނަ މީހުން އަފްޣާނިސްތާނުން ބޭރަށް ގޮސްފައިވާކަމަށެވެ. ބެލެވޭ ގޮތުގައި ފާއިތުވި ދެތިން ހަފުތާގެ ތެރޭގައި އެކި ޤައުމުތަކުންވަނީ އަފްޣާނިސްތާނުން ބޭރަށް 70.000އަށްވުރެ ގިނަ މީހުން ގެންގޮސްފައެވެ.

އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާނުންވަނީ އެކި ދާއިރާތަކުން ތަޢުލީމު ޙާޞިލްކޮށްފައިވާ މޮޅެތި މީހުން ޤައުމުން ނުގެންދިޔުމަށް އެމެރިކާއާއި ނޭޓޯއަށް ގޮވައިލައިފައެވެ. އަދި ކާބުލްގެ ވައިގެ ބަނދަރަށް ދިޔުމުގެ ފުރުޞަތު ދޭނީ ބޭރު ޤައުމުތަކަށް ނިޞްބަތްވާ މީހުންނަށްކަމަށް ބުނެ އެ ޖަމާޢަތުންވަނީ ވައިގެ ބަނދަރަށް ދެވެން އޮންނަ މަގުތައް ބަންދުކޮށްފައެވެ.