މުނިފޫހިފިލުވުން

ވިޝާލް ބަރުދަވާޖް ކުރިއަށް އޮތް ފިލްމަށް ޢަލީ ފަޒަލް


"ހައިދަރު" ، "ކަމީނޭ" އަދި "އޮމްކާރާ" ފަދަ ފިލްމުތައް އުފައްދާފައިވާ ވިޝާލް ބަރުދަވާޖް ގެ ޕްރޮޑަކްޝަންގެ ކުރިއަށް އޮތް ފިލްމުގެ ލީޑް ރޯލަށް ޢަލީ ފަޒަލް ހަމަޖައްސައިފިއެވެ.

މިއީ ވިޝާލް އާއި ފަޒަލް އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. ފިލްމުގެ ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތާއި ބާކީ ތިބި ކާސްޓިން ހޮވުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މީގެއިތުރުން ވިޝާލްގެ ދަރިފުޅު އާސްމާން ބަރްދަވާޖް ފުރަތަމަ ފަހަރަށް ޑައިރެކްޓްކުރާ ފިލްމު "ކުއްތޭ" ވެސް ވަނީ މިހާރު ވަނީ އިއުލާނުކޮށްފައެވެ. މި ފިލްމުވެސް ޕްރޮޑިއުސްކުރާނީ ވިޝާލް އެވެ. ފިލްމުގެ ލީޑްރޯލުން ފެންނާނީ ތައްބޫ، އަރުޖުން ކަޕޫރު، ނަސީރުއްދީން ޝާހް، ކޮންކަނާ ސެން ޝަރުމާ، އަދި ރާދިކާ މާދަން އެވެ. ފިލްމުގެ މޯޝަން ޕޯސްޓަރެއްވެސް މިހާރުވަނީ ދައްކާލާފައެވެ.

ޤައުމީ އެވޯޑް ލިބިފައިވާ ވިޝާލްގެ އެންމެފަހުގެ ފިލްމަކީ ރާދިކާ މާދަން، ޝަނާޔާ މަލޯތްރާ އަދި ސުނިލް ގްރޯވަރު ފެނިގެންދިޔަ ފިލްމު "ޕަޓާކާ" އެވެ.

"މީޒާޕޫރު 2" އަދި "ރޭ" ގައި ވެސް ފެނިގެންދިޔަ ފަޒަލް ގެ ކުރިއަށް އޮތް ފިލްމަކީ ކެނާތު ބްރަނަގާސްގެ މިސްޓްރީ ތްރިލަރ "ޑެތް އޮން ދަ ނައިލް" އެވެ.