މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލައިދޭ ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖް އެޅުމުގެ އެއްބަސްވުމުގައި އަންނަ ބުރާސްފަތި ދުވަހު ސޮއިކުރަން ނިންމައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލައިދޭ ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތް ހަވާލުކުރާނީ އިންޑިއާގެ އެފޮކޮންސް އިންފްރަސްޓްރަކްޗާ ކުންފުންޏާއެވެ. އަދި މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ގައި ހޮޓެލް ޖެންގައި ބާއްވާ ރަސްމިއްޔާތެއްގައިކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ބްރިޖުގެ މަސައްކަތް ހަވާލުކުރާ އެފްކޮން ކުންފުންޏަކީ އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއުވެސް ކުރިއަށްގެންދާ ކުންފުންޏެވެ.
ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖް ކުރިއަށް ގެންދަނީ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ލިބުނު 400 މިލިއަން ޑޮލަރުގެ ލޯނަކާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ. ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާއި ހަވާލުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ވިދާޅުވެފައެވެ.
ގްރޭޓަރ މާލޭ ސަރަޙައްދުގައި މިވަގުތު ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫޢަކީ ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢެވެ. ގްރޭޓަރ މާލޭ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން ކުރަންޖެހޭ އިތުރު މަސައްކަތްތައް މިވަގުތުވެސް ކުރިއަށް އެބަދެއެވެ. އެގޮތުން ބްރިޖް، ގުޅީފަޅާ ގުޅާލާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއިންވަނީ މިހާރު ފަށާފައެވެ. އަދި ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ ސަރވޭއާއި، ބްރިޖްގެ ކުރެހުންތައް ފައިނަލްކުރުމުގެ މަސައްކަތްތައް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ދަނީ ކުރަމުންނެވެ.
މިމަޝްރޫޢަކީ 6695 ކިލޯ މީޓަރުގެ ބްރިޖްތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ ގޮތަށް މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖަކާއެކު ހެދުމަށް ނިންމާފައިވާ މަޝްރޫޢެކެވެ. މިމަޝްރޫޢު ކުރިއަށްގެންދިޔުމަށް އިންޑިއާއިން 500 މިލިއަން ޑޮލަރު ދިނުމަށްވަނީ ހަމަޖެހިފައެވެ.