ޚަބަރު

ތިން މަސްދުވަހަށްފަހު ޔަހޫދީ ފައުޖުތަކާއި ޙަމާސުން ޙަމަލާބަދަލުކޮށްފި


ތިން މަސްދުވަހަށްފަހު އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކާއި ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ޙަމަލާބަދަލުކޮށްފިއެވެ.

ފާއިތުވި ހަފުތާތަކުގެ ތެރޭގައި ޔަހޫދީ ފައުޖުތަކުން ޣައްޒާއަށް ދެމުންދާ ޙަމަލާތައްވަނީ އިތުރުވެފައެވެ. އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ބުނީ ހުޅުހިފައި ޒާތުގެ ފުއްޕާހަން ޣައްޒާއިން ޔަހޫދީންގެ ބިންތަކަށް ފޮނުވަމުންދާކަމަށާއި އެ ފުއްޕާހަންތަކުގެ ސަބަބުން އަލިފާނުގެ ގިނަ ޢަދަދެއްގެ ޙާދިޘާތައް ހިނގަމުންދާކަމަށެވެ.

އޮގަސްޓު 23ވަނަ ދުވަހުގެ ދަންވަރު ޔަހޫދީ ފައުޖުތަކުން ޣައްޒާއަށް ޙަމަލާދިނުމުން ޙަމާސުންވެސްވަނީ ރައްދުގައި ޙަމަލާދީފައެވެ. އެއީ އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކާއި ޙަމާސާ ދެމެދު ޙަމަލާބަދަލުކުރުން ހުއްޓާލަން މެއި މަހުގެ 21ވަނަ ދުވަހު އެއްބަސްވިފަހުން ދެ ފަރާތުން ޙަމަލާބަދަލުކުރި ފުރަތަމަ ފަހަރެވެ. އެ ގޮތުން ޔަހޫދީންގެ ވައިގެ ޙަމަލާތަކަށް ރައްދުދިނުމުގެ ގޮތުން ޙަމާސުންވަނީ އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި ޑުރޯންތަކަށް މެޝިން ބަޑިން ޙަމަލާދީފައެވެ. އޭގެ އިތުރުން ޙަމާސުންވަނީ ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކަށް ރޮކެޓުން ޙަމަލާދީފައެވެ. ނަމަވެސް އެ ޙަމަލާތަކުގައި އެ ޖަމާޢަތުގެ މިސައިލުތައް ބޭނުންކޮށްފައެއް ނުވެއެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކާ ދެކޮޅަށް ޙަމާސުން ދިން ޙަމަލާތަކުގައި 11 ދުވަހުގެ މަތިން އެ ޖަމާޢަތުންވަނީ 4،000އަށްވުރެ ގިނަ މިސައިލް ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ސަރަޙައްދުތަކަށް ފޮނުވައިލައިފައެވެ. އެ ޙަމަލާތަކުގައި ޔަހޫދީ ދަޢުލަތަށްވަނީ ބޮޑެތި އުމުރާނީ އަދި އިޤްޞާދީ ގެއްލުންތަކެއް ލިބިފައެވެ. އެއާއެކު ޔަހޫދީންވަނީ އެއްވެސް ޝަރުތެއްނެތި ޙަމަލާބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައެވެ. ނަމަވެސް އޭގެ ފަހުންވެސް ޔަހޫދީ ފައުޖުތަކުންވަނީ ދޭތެރެދޭތެރެއިން ޣައްޒާއަށް ޙަމަލާދީފައެވެ.