މުނިފޫހިފިލުވުން

ކަންގަނާގެ "ތަލައިވީ" އަޅުވާނީ ސިނަމާތަކުގައި


ކަންގްނާ ރަނާއުޓް ލީޑްރޯލުން ފެންނަ ތަމަޅަ ފިލްމު "ތަލައިވީ" ރިލީޒްކުރާނީ ސިނަމާތަކުގައި ކަން އޭނާ ކަށަވަރުކޮށްދީފިއެވެ.

މި ފިލްމު ޑިޖިޓަލް ޕްލެޓް ފޯމްގައި ރިލީޒްކުރާކަމަށް ބުނާ ވާހަތަކަށް ރައްދުދެމުން ކަންގަނާ ބުނީ މިހާރު މި އޮތް ކޯވިޑްގެ ހާލަތު ރަނގަޅުވުމުން ފިލްމު ރިލީޒްކުރާނީ ސިނަމާތަކުގައެވެ. ފިލްމު ސިނަމާތަކަށް އަންނާނީ އަންނަމަހުގެ 10 ވަނަދުވަހުއެވެ.

ވިޖޭ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ތަމިލްނާޑޫ ގެ ޗީފް މިނިސްޓަރ ޖޭ ޖަޔަލަލީތާގެ ހަޔާރުގެ މައްޗަށް އުފައްދާ ފިލްމެކެވެ. ޖޭ ޖަޔަލަލީތާގެ ރޯލުން ފެންނާނީ ކަންގަނާ އެވެ. މި ރޯލަށް ފިޓްވުމަށް ކަންގަނާ ވަނީ ހަށިގަނޑަށް ވަރަށް ބޮޑެތި ބަދަލުތަކެއްވެސް ގެނެސްފައެވެ. މި ފިލްމުގެ މުހިއްމު ޓްރެއިލަރއެއްވެސް ވަނީ މިހާރު ދައްކާލާފައެވެ.

ކަންގަނާގެ އިތުރު ދެކުނުގެ މަޝްހޫރު ބައެއް ތަރިންވެސް ކާސްޓުންގެ ގޮތުގައި ހިމެނޭ މި ފިލްމު ތަމަޅަ، ތެލުގޫ އަދި ހިންދީ ބަހުންވެސް ރިލީޒްކުރަން ވަނީ ހަމަޖެހިފައެވެ. މި ފިލްމުގެ ސްކްރިޕްޓް ލިޔެފައިވަނީ ބޮކްސް އޮފީހުގައި ކާމިޔާބު ހޯދި " ބަޖްރަންގީ ބައިޖާން"، "މަނީކަރްނިކާ" އަދި " ޑާޓީ ޕިކްޗަރސް " ގެ ލިޔުންތެރިންކަމަށްވާ ވިޖެންދަރް ޕްރަސާދާއި ރަޖަތް އަރޯރާއެވެ.