ޚަބަރު

500 ޓަނުގެ ޞިއްޙީ ސާމާނު އަފްޣާނިސްތާނަށް ނުފޮނުވި ތާށިވެފައި


އަފްޣާނިސްތާނުގެ ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި އަޅާފައިވާ އުނދަގޫ ފިޔަވަޅުތަކުގެ ސަބަބުން 500 ޓަނުގެ ޞިއްޙީ ސާމާނު އެ ޤައުމަށް ނުފޮނުވި ތާށިވެފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ބުނެފިއެވެ.

ޠާލިބާން ޖަމާޢަތުގެ ބާރުގެ ދަށަށް އަފްޣާނިސްތާން ދެވަނަ ފަހަރަށް ގެނައުމުން އެ ޤައުމުގެ އެތައް ހާސް ރައްޔިތުންނާއި އެ ޤައުމުގައި ތިބި ބޭރު ޤައުމުތަކުގެ އެތައް ހާސް ރައްޔިތުންނެއް އެ ޤައުމު ދޫކޮށް ދިޔުމަށް އެމެރިކާގެ އަސްކަރިއްޔާގެ ބާރުގެ ދަށުގައި އޮންނަ ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށްވަނީ ޖަމާވެފައެވެ. އަދި ގިނަ ޢަދަދެއްގެ އަސްކަރީ މަތިންދާބޯޓުތަކުގައި ހުއްޓުމެއް ނެތި އެތައް ހާސް މީހުންނެއްވަނީ ފާއިތުވި ހަފުތާގެ ތެރޭގައި އަފްޣާނިސްތާން ދޫކޮށް ގޮސްފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި އަސްކަރީ މަތިންދާބޯޓިތައް ނޫން އެހެން އެއްވެސް އުޅަނދެއް ކާބުލްގެ ވައިގެ ބަނދަރަށް ދަތުރުކޮށްފައެއްވެސް ނުވެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ބުނީ އަފްޣާނިސްތާނުގައި ގެދޮރުގެއްލިފައިވާ 300،000 މީހުންނަށް މިހާރުން މިހާރަށް އެހީތެރިކަން ބޭނުންވާކަމަށާއި އެ މީހުންނަށް ތިބީ ކާބޯތަކެއްޗާއި ބޭސްފަރުވާއިން މަޙްރޫމުވެފައިވާކަމަށެވެ. އަފްޣާނިސްތާނުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންކަމަށްވާ 18.5 މިލިޔަން މީހުން ބަރޯސާވަނީ ބޭރުގެ އެހީއަށްކަން ފާހަގަކުރަމުން އެ ޖަމުޢިއްޔާއިން ބުނީ ކާބުލްއަށް ދަތުރުކުރެވޭނެ މަގެއް ނެތުމުން އެ ޤައުމަށް އެހީ ފޮނުވާނެ އިތުރު ގޮތެއް ނެތްކަމަށެވެ. އަދި އޭގެ ތެރޭގައި 10 މިލިޔަން ކުޑަކުދިންވެސް ހިމެނޭކަމަށް އެ ޖަމުޢިއްޔާއިންވަނީ ބުނެފައެވެ.

ދުނިޔޭގެ ޤައުމުތަކުން އިސްކަން ދެމުންދަނީ ކުރު މުއްދަތެއްގެ ތެރޭގައި އެތައް ހާސް ބަޔަކު އަފްޣާނިސްތާނުން ސަލާމަތުން ގެންދިޔުމަށްކަމަށާއި ޤައުމު ދޫކޮށް ދާނެ ގޮތެއް ނެތް އެތައް މިލިޔަން މީހުންނަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެހެންވެސް މުޙިންމުކަމެއްކަމަށް އެ ޖަމުޢިއްޔާއިން ބުނެފައިވެއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ބުނެފައިވާ ގޮތުގައި އަފްޣާނިސްތާނުން މީހުން ބަލައި ޔޫއޭއީން ދަތުރުކުރާ ހުސް މަތިންދާބޯޓުތަކަށް ޞިއްޙީ އެހީގެ ސާމާނު އެރުވޭނެ ގޮތެއް އޮތްތޯ ބަލަމުންދާކަމަށެވެ.