ޚަބަރު

އެމެރިކާއިން އިސްކަން ދެނީ އަފްޣާނިސްތާނުން މީހުން ސަލާމަތްކުރަން، ޙާލަތު ދެނެގަންނާނީ ފަހުން


އެންމެ ބޮޑު އިސްކަމެއް ދެނީ އަފްޣާނިސްތާން ދޫކޮށް ދާން ބޭނުންވެފައިވާ އެތައް ހާސް މީހުން ސަލާމަތުން އެ ޤައުމުން ގެންދިޔުމަށްކަމަށާއި އެ ޤައުމުގެ ޙާލަތު ވަޒަންކުރާނީ އޭގެ ފަހުންކަމަށް އެމެރިކާގެ ނައިބު ރައީސް ކަމާލާ ހެރިސް ވިދާޅުވެއްޖެއެވެ.

ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ސިންގަޕޫރަށް ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ހެރިސް ވިދާޅުވީ އަފްޣާނިސްތާނުން އެމެރިކާގެ ފައުޖުތައް އޮގަސްޓު މަހުގެ 31ވަނަ ދުވަހުގެ ކުރިން ފައިބަން ޖެހުނު ނަމަވެސް ތާވަލާ އެއްގޮތަށް ކުރިޔަށްދާނީ އަފްޣާނިސްތާން ދޫކޮށް ދާން ބޭނުންވެފައިވާ އެތައް ހާސް މީހުން ސަލާމަތުން އެ ޤައުމުން ގެންދިޔުމަށްފަހުކަމަށެވެ. އަދި ފާއިތުވި 20 އަހަރުދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގެ އެތައް ހާސް ބަޔަކުވަނީ އެމެރިކާގެ ފައުޖުތަކަށް އެކި ގޮތްގޮތުން އެހީތެރިވެފައިވާކަމަށާއި އެ މީހުންނާއި އެ މީހުންގެ ޢާއިލާތަކަށް ސަލާމަތްތެރިކަން ހޯދައިދިނުމަކީ އެމެރިކާގެ ޒިންމާއެއްކަމަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންވެސްވަނީ އެފަދަ މޭރުމަކުން މީގެ ކުރިން ވާހަކަދައްކަވައިފައެވެ. އެ ގޮތުން ބައިޑަންވަނީ އޮގަސްޓު މަހުގެ 31ވަނަ ދުވަހުގެ ކުރިން އެމެރިކާގެ ހުރިހާ ސިފައިން އަފްޣާނިސްތާނުން ބޭލުމަކީ ފަހަރުގައި ނުވެދާނެކަމެއްކަމަށެވެ. ނަމަވެސް މުޙްލަތު އިތުރުކުރުމަށް އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާން ޖަމާޢަތާއެކު އެއްވެސް މަޝްވަރާއެއް އެމެރިކާއިން ނުކުރާކަމަށްވެސް ބައިޑަން ވިދާޅުވިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އަފްޣާނިސްތާނުގެ ޙާލަތާ ގުޅޭގޮތުން އެމެރިކާއާއި އިނގިރޭސިވިލާތުން މަޝްވަރާކުރާނެއެވެ. އެ މަޝްވަރާތަކުގައި އަފްޣާނިސްތާނުން ފައިބާނެ ތާރީޚް ފަސްކުރުމަށް ޠާލިބާނުންގެ ކިބައިން އެދުމަށް އިނގިރޭސިވިލާރުން ހުށަހަޅާނެއެވެ. ނަމަވެސް ޠާލިބާނުން ބުނެފައިވަނީ އޮގަސްޓު މަހުގެ 31ވަނަ ދުވަހުގެ ފަހުން ބޭރުގެ ފައުޖުތައް އަފްޣާނިސްތާނުގައި ޙަރަކާތްތެރިވުމަކީ އެ ޖަމާޢަތުން ފުރުޞަތުދޭނެކަމެއް ނޫންކަމަށެވެ.

ފާއިތުވި ހަފުތާތަކުގެ ތެރޭގައި އެމެރިކާއާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ އެތައް ހާސް ސިފައިންނެއްވަނީ އަފްޣާނިސްތާނުން ފައިބައިފައެވެ. އެމެރިކާ ސިފައިން މިހާރު ޙަރަކާތްތެރިވާ ހަމައެކަނި ސަރަޙައްދަކީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރެވެ.