ޚަބަރު

ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ޕިޗް-އަޕް ބޫޓު ކޭމްޕެއް ފަށައިފި


އުފެއްދުންތެރި ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ކުރިއަށްގެންދާ "ޕިޗް-އަޕް ޔޫތު އެންޓަޕްރިނިއަރޝިޕް ޗެލެންޖް"ގެ ބައިވެރިން ތަމްރީން ކުރުމަށް ޕިޗް-އަޕް ބޫޓު ކޭމްޕެއް ފަށައިފިއެވެ.

މި ކޭމްޕަކީ "މީރީ ޕްރޮޖެކްޓުގެ ދަށުން ޒުވާނުންނަށް ޚާއްޞަކޮށްގެން އުފެއްދުންތެރި ވިޔަފާރި ޚިޔާލު ހުށަހަޅައި، އެ ޚިޔާލަށް ދިރުން ގެނެސްދީ، ކާމިޔާބު ވިޔަފާރިއަކަށް ހެދުމަށް ފަރުމާކޮށްފައިވާ "ޕިޗް-އަޕް: ޔޫތު އެންޓަޕްރިނިއަރޝިޕް ޗެލެންޖް"ގެ ފުރަތަމަ މަރުޙަލާ ކާމިޔާބުކަމާއެކު ނިންމާލި ފަރާތްތަކަށް ކުރިއަށްގެންދާ ކޭމްޕެކެވެ.

ޕިޗް-އަޕް ބޫޓް ކޭމްޕުގައި ބިޒްނަސް ޕްރޮޕޯސަލް އެކުލަވާ، ތައްޔާރުކުރުމާއި، ވިޔަފާރިއެއް ފަށައިގެން ތަރައްޤީ ކުރާނޭގޮތުގެ މަޢުލޫމާތާއި، އިރުޝާދާއި، ތަމްރީނު ފޯރުކޮށްދޭނެ ކަމަށް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވެއެވެ. އެގޮތުން ޖުމްލަ 7 ސެޝަންގެ މައްޗަށް، އޮންލައިންކޮށް ހިންގުމަށް ތާވަލުކޮށްފައިވާ މި ބޫޓް ކޭމްޕުގައި ކިޔަވައިދޭނީ ތަމްރީނު ދީފައިވާ ތަޖުރިބާކާރު ދިވެހި ޓްރެއިނަރުންނެވެ. މިމަހުގެ 28 އާ ހަމަޔަށް ކުރިއަށްދާ މިކޭމްޕްގައި ވިޔަފާރީގެ ދާއިރާގެ ތަޖުރިބާކާރުންގެ ކާމިޔާބީއާއި، ވިޔަފާރީގެ ތަޖުރިބާ ޙިއްސާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

"ޕިޗް-އަޕް" އަކީ ވިޔަފާރިއެއް ތަރައްޤީކުރާނޭ ގޮތުގެ ޚިޔާލެއް ހުށަހަޅައިގެން، ފައިސާގެ އެހީއާއި، ތަމްރީނާއި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ލިބޭގޮތަށް ފަރުމާކޮށް 18 އަހަރާއި 35 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށް ހުޅުވާލައިގެން ހިންގޭ މުބާރާތެކެވެ. މުބާރާތުގައި ހުށަހެޅޭނީ ފަތުރުވެރިކަމާ ގުޅުންހުރި ޢުމްރާނީ މަސައްކަތް، އައި.ސީ.ޓީ އާއި ދަނޑުވެރިކަމުގެ މަސައްކަތުގެ ދާއިރާގެ އުފެއްދުންތެރި ވިޔަފާރީގެ ޚިޔާލެވެ.

މީރީ ޕްރޮޖެކްޓަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީ، ބާރުވެރިކޮށް، ކާމިޔާބު ބަޔަކަށް ހެދުމަށް ކަންފަހިކޮށްދިނުމަށް ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓު ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ.
,