ޚަބަރު

ކޯވިޑް ބަލީގައި އައްޑޫ ސިޓީން މީހަކު ނިޔާވެއްޖެ


ކޯވިޑް ބަލީގައި އައްޑޫ ސިޓީން މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކުރެއްވި ގޮތުގައި މިއަދު ހެނދުނު 7:30 ހާއިރު ނިޔާވެފައިވަނީ އުމުރުން 92 އަހަރުގެ ދިވެހި އަންހެނެކެވެ. މިއީ ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވި 224 ވަނަ މީހާއެވެ. މީގެ ތެރޭގައި ހިމެނެނީ 205 ދިވެހިންނާއި 19 ބިދޭސީންނެވެ.

ކޯވިޑް ބަލީގައި އިއްޔެވެސް ދިވެއްސަކުވަނީ ނިޔާވެފައެވެ. އިއްޔެ ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 75 އަހަރުގެ ދިވެހި އަންހެނެކެވެ.

ކޯވިޑް ބަލި ރާއްޖޭގައި ހަލުއި ކަމާއެކު ފެތުރެން ފެށުމާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކޯވިޑް ފެތުރޭ މިންވަރުވަނީ ކޮންޓްރޯލް ކުރެވިފައެވެ. އެޗްޕީއޭއިން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން މިހާތަނަށް 79959 މީހުންވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 78076 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.