ޚަބަރު

އަފްޣާނިސްތާނުގެ އިދިކޮޅުން ހަނގުރާމަކުރަން ތައްޔާރު، ނަމަވެސް އިސްކަންދެނީ ޞުލްޙަވާން


އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާން ޖަމާޢަތާ ހަނގުރާމަކުރަން ޖެހިއްޖެ ޙާލަތެއްގައި އެ ކަމަށް ތާއްޔާރުކަމަށް އެ ޤައުމުގެ އިދިކޮޅު އެންމެ އިސްވެރިޔާ އަޙްމަދު މައްސޫދު ވިދާޅުވެއްޖެއެވެ.

އޮގަސްޓު މަހުގެ 15ވަނަ ދުވަހު ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް ގެނައުމަށްފަހު އެ ޖަމާޢަތުގެ ވެރިކަމެއް އެ ޤައުމުގައި ޤާއިމުކުރި ނަމަވެސް އެ ޤައުމުގެ 34 ޕުރޮވިންސްގެ ތެރެއިން އުތުރުގައި އޮންނަ ޕަންޖުޝީރު އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެނެވިފައެއް ނުވެއެވެ. ޕަންޖުޝީރަކީ ޠާލިބާނުންނާ ދެކޮޅު ހަނގުރާމަވެރިން ދިރިއުޅޭ ސަރަހައްދެކެވެ. އޭގެ ތެރޭގައި އަފްޣާނިސްތާން އިސްތިޢުމާރުކުރި ރަޝިޔާގެ އަސްކަރީ ފައުޖުތަކާ ދެކޮޅަށް ހަނގުރާމަކުރުމުގައި އިސްކޮށް އުޅުނު ބަޠަލެއްކަމަށްވާ އަޙްމަދު ޝާހް މައްސޫދާއި އަފްޣާނިސްތާނުގެ އެންމެ ނުފުޒުގަދަ ސިޔާސީވެރިޔާކަމަށްވާ ޢަބްދުﷲ ޢަބްދުﷲ ހިމެނެއެވެ. އޭގެ ތެރެއިން އަޙްމަދު ޝާހް މައްސޫދުވަނީ 2001ވަނަ އަހަރުގެ ސެޕުޓެންބަރު މަހުގެ ތެރޭގައި ޠާލިބާނުން ދިން ޙަމަލާއެއްގައި މަރުވެފައެވެ. އޭގެ ފަހުން ޠާލިބާނުންނާ ދެކޮޅަށް އެންމެ އިސްކޮށް ޙަރަކާތްތެރިވެފައިވަނީ އޭނާގެ ދަރިފުޅު އަޙްމަދު މައްސޫދުގެ ހަނގުރާމަވެރިންނެވެ.

ޠާލިބާނުން ބުނެފައިވަނީ ޕަންޖުޝީރު އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެނައުމަށް އެ ސަރަޙައްދަށް އެތައް ސަތޭކަ ހަނގުރާމަވެރިންނެއް ޖަމާވަމުންދާކަމަށެވެ. އަދި ހަނގުރާމައެއް ނުކޮށް ޕަންޖުޝީރު އެ ޖަމާޢަތާ ޙަވާލުކުރުމަށްވެސް ޠާލިބާނުން ބުނެފައިވެއެވެ. ނަމަވެސް އަޙްމަދު މައްސޫދު ވިދާޅުވީ އޭނާ ބޭނުންފުޅުވަނީ ޞުލްޙަވެރިކަންކަމަށާއި ޕަންޖުޝީރުގައި ޠާލިބާނުންގެ ސިޔާސަތުތައް ތަންފީޒުކުރަން ޖާގަނުދެއްވާނެކަމަށެވެ. އަދި އޭނާގެ ހަނގުރާމަވެރިން ޠާލިބާނުންނާ ކުރިމަތިލާން ތައްޔާރަށް ތިބިކަމަށްވެސް އަޙްމަދު މައްސޫދު ވިދާޅުވިއެވެ.

ޕަންޖުޝީރު އޮންނަ ސަރަހައްދުގެ ގޮތުން އެ ޕުރޮވިންސަށް ބޭރުން އަންނަ ބަޔަކަށް އަސްކަރީ ކާމިޔާބެއް ހޯދުމަކީ އުނދަގޫ ކަމެކެވެ. އެ ގޮތުން 1980ގެ އަހަރުތަކުގައި ރަޝިޔާގެ ފައުޖުތައް އެ ސަރަޙައްދަށް ދިން ޙަމަލާތަކުގައި ބޭނުންކުރި ޓޭންކަރުތަކުގެ ބައިތައް އަދިވެސް ޕަންޖުޝީރުގެ ވާދީން ފެންނަން ހުރެއެވެ. ނަމަވެސް އަސްކަރީ ތަޖުރިބާކާރުން ބުނާ ގޮތުގައި ބޭރުގެ އެހީތެރިކަމެއް ނުލިބި ޠާލިބާނުންނާ ކުރިމަތިލައި އަޙްމަދު މައްސޫދަށް ތާޢީދުކުރާ 6،000 ހަނގުރާމަވެރިންނަށް ކާމިޔާބެއް ހޯދުމަކީ ނާދިރުކަމެކެވެ.