ޚަބަރު

ވިއެޓުނާމުގެ ވެރިރަށް ފުރަބަންދުކުރަން އަސްކަރިއްޔާ ނުކުމެއްޖެ


ވިއެޓުނާމުގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެން ފެށުމުން އެ ޤައުމުގެ ވެރިރަށް ހޯ ޗިން މިން ސިޓީގައި ފުރަބަންދުގެ އުޞޫލުތައް ތަންފީޒުކުރަން އަސްކަރިއްޔާ ނުކުމެއްޖެއެވެ.

ދުނިޔޭގައި އެހެން ޤައުމުތަކުގައި ކޯވިޑް-19ގެ ޙާލަތު ފެތުރުނު ނަމަވެސް ވިއެޓުނާމަކީ ބަލިމަޑުކަން ނުރައްކާތެރި ޙާލަތަށް ފެތުރުން ހުއްޓުވާފައިވާ ޤައުމެކެވެ. ނަމަވެސް ފާއިތުވި ހަފުތާތަކުގެ ތެރޭގައި ވިއެޓުނާމުގައި ކޯވިޑް-19ގެ އެންމެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއެންޓު ފެތުރުން ފެށުމުން އެ ޤައުމުގެ ޙާލަތުވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެއާއެކު އެ ޤައުމުގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދުވަނީ 348,000އަށްވުރެ އިތުރުވެފައެވެ. އަދި ބަލިމަޑުކަމުގައި މަރުވި މީހުންގެ ޢަދަދުވަނީ 8،270އަށްވުރެ އިތުރުވެފައެވެ.

ވިއެޓުނާޟުގައި ޑެލްޓާ ވޭރިއެންޓު އެންމެ ބޮޑަށް ފެތުރިފައިވަނީ އެ ޤައުމުގެ އެންމެ އާބާދީ ބޮޑު ރަށްކަމަށްވާ ހޯ ޗިން މިން ސިޓީގައެވެ. އެ ގޮތުން އޭޕުރިލް މަހުން ފެށިގެން ހޯ ޗިން މިން ސިޓީގައި ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވުމުގެ ސަބަބުން ޖުލައި މަހުގެ ތެރޭގައި އެ ރަށުގައި ފުރަބަންދުގެ ހަރުކަށި އުޞޫލުތަކެއްވަނީ ތަންފީޒުކޮށްފައެވެ. ނަމަވެސް ބަލިޖެހޭ މީހުންގެ ޢަދަދު ދަށަށް ނުދިޔުމުގެ ސަބަބުން ފުރަބަންދުގެ އުޞޫލުތައްވަނީ އިތުރަށް ހަރުކަށިކޮށްފައެވެ. އެ ގޮތުން ވިއެޓުނާމުގެ ސަރުކާރުންވަނީ ހޯ ޗިން މިން ސިޓީގައި ދިރިއުޅޭ އެއްވެސް މީހަކު ބޭރަށް ނުކުތުން މަނާކޮށްފައެވެ. އޭގެ ތެރޭގައި ކާބޯތަކެތި ހޯދުންފަދަ ޒަރޫރީ ކަންކަމަށް ބޭރަށް ނުކުތުންވެސްވަނީ މަނާކޮށްފައެވެ. އެފަދަ ޙާލަތްތަކުގައި ޢާންމުންނަށް އެހީތެރިވުމަށް އަސްކަރިއްޔާ ޙަރަކާތްތެރިވާނެކަމަށް އެ ޤައުމުގެ ސަރުކާރުންވަނީ ބުނެފައެވެ. އަދި ހޯ ޗިން މިން ސިޓީގެ ހަސްފަތާލުތަކަށް ބާރުބޮޑުވުމުން އެ ޤައުމުގެ ސަރުކާރުންވަނީ އެ ރަށަށް އިތުރު 14,600 ޑަކްޓަރުންނާއި ނަރުހުން ފޮނުވައިފައެވެ.

98 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ވިއެޓުނާމުގައި ކޯވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައިވަނީ އެންމެ 1.98 އިންސައްތަ މީހުންނެވެ.