ޚަބަރު

ކޯވިޑް-19ގެ ޚިޔާނާތުގެ މައްސަލައެއްގައި އިންޑޮނޭޝިޔާގެ ވަޒީރެއް ޖަލަަށް


ކޯވިޑް-19ގެ ޚިޔާނާތާ ގުޅުން ހުރި މައްސަލައެއްގައި އިންޑޮނޭޝިޔާގެ ކުރީގެ އިޖުތިމާޢީ ޚިދުމަތްތަކާބެހޭ ވަޒީރު ޖުލިއާރީ ބަޓުބާރާ 12 އަހަރަށް ޖަލަށްލައިފިއެވެ.

އިންޑޮނޭޝިޔާގެ ޚިޔާނާތުގެ މައްސަލަތައް ބަލައި ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ ކޯވިޑް-19އާ ދެކޮޅަށް އެ ޤައުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ބައެއް ސާމާނު ހޯދަން ވަކި ބަޔަކަށް ދިނުމަށް ބަޓުބާރާ ރިޝްވަތު ނެގިކަމަށެވެ. އެ ސާމާނު ހޯދަން އިޢުލާންކޮށްފައިވަނީ ބަލިމަޑުކަމުގެ ސަބަބުން އެހީތެރިކަން ބޭނުންވާ މީހުންނަށް ޚާއްޞަކޮށް ސަރުކާރުން އިޢުލާންކުރި އިޖުތިމާޢީ އެހީތެރިކަމުގެ މަޝްރޫޢުގެ ދަށުންނެވެ. ޖަލު ޙުކުމެއްގެ އިތުރުން ކޯޓުންވަނީ 35،000 އެމެރިކާ ޑޮލަރުން ބަޓުބާރާ ޖޫރިމަނާވެސްކޮށްފައެވެ. އަދި ޚިޔާނާތްތެރިވެފައިވާ ފައިސާ އަނބުރާ ދަޢުލަތަށް ދެއްކުމުގެ އިތުރުން ޖަލު ޙުކުމު ތަންފީޒުކުރުމަށްފަހު ހަތަރު އަހަރުދުވަހަށް ސިޔާސީ މަޤާމެއް ނުފުރޭނެ ގޮތަށްވެސް ބަޓުބާރާގެ މައްޗަށް ކޯޓުން ޙުކުމުކޮށްފައިވެއެވެ.

ކޯވިޑް-19ގެ ޚިޔާނާތާ ގުޅުން ހުރި މައްސަލައެއްގައި ކުރީގެ ވަޒީރެއްގެ މައްޗަށް ޙުކުމުކޮށްފައިވަނީ އިންޑޮނޭޝިޔާގައި ހަލުވިކަމާއެކު ބަލިމަޑުކަން ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. އެ ގޮތުން އިންޑޮނޭޝިޔާގައި ކޯވިޑް-19ގެ އެންމެ ނުރައްކާތެރި އަދި ބާރުގަދަ ވައްތަރުކަމަށްވާ ޑެލްޓާ ވޭރިއެންޓު ފެތުރުމުގެ ސަބަބުން އެ ޤައުމުވެފައިވަނީ ބަލިމަޑުކަން އެންމެ ބޮޑަށް ފެތުރެމުންދާ ޤައުމަށެވެ.

270 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އިންޑޮނޭޝިޔާގައި ކޯވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައިވަނީ އެންމެ 11 އިންސައްތަ މީހުންނެވެ.