ޚަބަރު

ގާފަރުގައި ހުރި ދަތިތައް ނާއިބު ރައީސް އޮޅުންފިލުއްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާލެ އަތޮޅު ގާފަރު ކައުންސިލަރުންނާއެކު މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލަރުން ވަނީ ގާފަރުގެ ތަރައްޤީއަށް ރާވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މަޢުލޫމާތާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި އެރަށު ކައުންސިލަރުން ވަނީ އެރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެ މަގުފަހިކޮށްދެއްވުމަށް ނައިބް ރައީސްގެ އަރިހުގައި ވަނީި ދަންނަވާފައެވެ. އަދި އެކަށީގެންވާ ނަރުދަމާގެ ނިޒާމެއް ނެތުމުން ދިމާވާ ދަތިތަކާއި، ރަށު ސްކޫލަށް ކުރިމަތިވެފައިވާ އިމާރާތުގެ ދަތިކަން ފާހަގަކުރައްވާ އެކަމުގެ ސަބަބުން ދެ ދަންފަޅިއަށް ސްކޫލުގައި ކިޔަވައިދިނުން ކުރިއަށްގެންދަން ޖެހުމުން ކުރިމަތިވާ ގޮންޖެހުންތައް އެމަނިކުފާނާއި ޙިއްޞާކުރެއްވެވިއެވެ. މީގެ އިތުރުން ރަށުގައި ފުލުހުންގެ ޚިދުމަތް ނެތުމުން ކައުންސިލަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ކައުންސިލަރުންވަނީ އެމަނިކުފާނާއި ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގައި ޓުއަރިޒަމް ތަރައްޤީކުރުމަށް ބޭނުންވާކަމަށް ފާހަގަކުރައްވައި އެކަމަށް މަގުފަހިކުރުމަށް ސަރުކާރުން ކުރެވެންހުރި ކަންކަން ފާހަގަކުރައްވާފައެވެ. އަދި ކުޅިވަރުގެ ދާއިރާ ރަށުގައި ތަރައްޤީކުރުމަށް ބޭނުންވާކަންވެސް ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ޙައްލުހޯއްދަވައި ދެއްވުމަށް އެކަންކަމާއި ގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން އެކަންކަން ކުރިއަށްގެންދެވޭނެ މަގުފަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

އަދި ކައުންސިލުންވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ރައްޔިތުން ބޭނުންވެފައިވާ ކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ. ހަމަ އެއާއެކު ސްކޫލް ކުދިންނަށް މަސައްކަތްތެރިކަން ދަސްކޮށްދިނުމަށް ކަންކަން ރާވައިހިންގުމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.