ޚަބަރު

ޠާލިބާނުން ބަލައެއް ނުގަންނަން، އެއްވެސް މުޢާމަލާތެއް ނުކުރަން: ވިލާތުގެ އިއްތިޙާދު


އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާނުންގެ ވެރިކަން އަދި ބަލައިނުގަންނަކަމަށާއި އެ ޖަމާޢަތާއެކު އެއްވެސް މަޝްވަރާއެއް ނުކުރާކަމަށް ވިލާތުގެ އިއްތިޙާދުން ބުނެފިއެވެ.

20 އަހަރުދުވަހަށްފަހު އަފްޣާނިސްތާނުގައި ޙަރަކާތްތެރިވަމުންދިޔަ އެމެރިކާއާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ ފައުޖުތައް އެ ޤައުމުން ފައިބަމުންދާ ދަނޑިވަޅެއްގައި ޠާލިބާނުންގެ ބާރުގެ ދަށަށް އެ ޤައުމުވަނީ ގެންގޮސްފައެވެ. އަފްޣާނިސްތާނުގެ ވެރިކަމަށް ދެވަނަ ފަހަރަށް ޠާލިބާނުން އައުމުން އެ ޖަމާޢަތުގެ ވެރިކަން ބަލައިގަތުމަށް ދުނިޔޭގެ ޤައުމުތަކުންވަނީ ފަސްޖެހިފައެވެ. ނަމަވެސް އެ ޤައުމުގައި ޙާލުގައި ޖެހިފައިވާ އެތައް ހާސް މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޠާލިބާނުންނަށް އެއްބާރުލުން ދިނުމަށް ދުނިޔޭގެ ޤައުމުތަކަށްވަނީ މަޖުބޫރުވެފައެވެ.

އިންސާނީ އެހީގެ ގޮތުގައި އަފްޣާނިސްތާނަށް 67 މިލިޔަން ޑޮލަރު ހަމަޖެއްސުމަށް ވިލާތުގެ އިއްތިޙާދުންވަނީ ނިންމައިފައެވެ. ނަމަވެސް އެ އިއްތިޙާދުން ބުނެފައިވަނީ އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދޭނީ ޠާލިބާނުންގެ އަމަލުތައް ހުންނަ ގޮތް ބެލުމަށްފަހުއެވެ. އެ ގޮތުން އަންހެނުންނާއި މީސްމަދު ނަޞްލުތަކުގެ މީހުންގެ ޙައްޤުތައް ޙިމާޔަތްކޮށްދޭނެކަމަށް ބުނި ނަމަވެސް އަމަލުން އެ ކަން ސާބިތުކޮށްދޭން ޖެހޭނެކަމަށް ވިލާތުގެ އިއްތިޙާދުންވަނީ ބުނެފައެވެ.

އަފްޣާނިސްތާނުގެ ވެރިކަމަށް ޠާލިބާނުން އަނބުރާ އައުމުން އެ ޤައުމުން ހިޖުރަކުރާ މީހުންގެ ޢަދަދުވަނީ އިތުރުވެފައެވެ. ވިލާތުގެ އިއްތިހާދުންވަނީ އަފްޣާނިސްތާނުން ހިޖުރަކުރާ މީހުން ބަލައިގަންނަ ވިލާތުގެ ޤައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ބުނެފައެވެ.