ޚަބަރު

ޣައްޒާއަށް ޔަހޫދީން ދިން ޙަމަލާތަކުގައި ގިނަ ބަޔަކު ޒަޚަމުވެއްޖެ


އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ފަލަސްޠީނުގެ ޣައްޒާއަށް ދިން ވައިގެ ޙަމަލާތަކެއްގައި ގިނަ ޢަދަދެއްގެ މީހުން ޒަޚަމުވެއްޖެއެވެ.

ގާތްގަނޑަކަށް ތިން މަސްދުވަހަށްފަހު ޣައްޒާއާ ދެކޮޅަށް ޔަހޫދީން ވަރުގަދަ ޢުދުވާންތަކެއް ހިންގާފައިވަނީ ޙައްދުފަހަނައެޅި ޔަހޫދީންގެ ބަޔަކު މަސްޖިދުލް އަޤްޞާގައި ހުޅުޖެހި ޙާދިޘާއަށް 52 އަހަރު ފުރުނު ދުވަހާ ދިމާކޮށް ފަލަސްޠީނުންގެ ރައްޔިތުން މުޒާހަރާކުރުމުންނެވެ. އެ ގޮތުން ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނުގެ އެތައް ހާސް ރައްޔިތުންވަނީ އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކާއި ޣައްޒާ ގުޅޭ ސަރަހައްދަށް ޖަމާވެ އަޑުއުފުލައިފައެވެ. ރައްދުގައި ޔަހޫދީންވަނީ މުޒާހަރާގެ ބައިވެރި މީހުންނާ ދެކޮޅަށް ބަޑިން ޙަމަލާދީފައެވެ. އެ ޙަމަލާތަކުގައި ފަލަސްޠީނުގެ ގިނަ ޢަދަދެއްގެ މީހުންވަނީ ޒަޚަމުވެފައެވެ. އޭގެ ތެރޭގައި ޔަހޫދީން ބަޑިޖެހުމުން ބޮލަށް ޒަޚަމުތަކެއް ލިބުނު 13 އަހަރުގެ ފިރިހެން ކުއްޖެއް ހިމެނެއެވެ. އޭގެ އިތުރުން ވައިގެ މަގުންނާއި ކަނޑު މަގުން ޔަހޫދީންގެ އިސްތިޢުމާރީ ފައުޖުތަކުން ދިން ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ މީހުން ޒަޚަމުވެ ޣައްޒާގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ފަލަސްޠީނުގެ އެހެން ބިންތަކާ ވަކިން އޮންނަ ޣައްޒާގައި ދިރިއުޅޭ ޢާންމުންނާ ދެކޮޅަށް ޔަހޫދީން ޢުދުވާންތަކެއް ހިންގާފައިވަނީ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއެކު ޙަމަލާބަދަލުކުރުމުގެ އެއްބަސްވުމެއް ޤާއިމުކޮށްފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ މެއި މަހުގެ ތެރޭގައި މަސްޖިދުލް އަޤްޞާގައި އަޅުކަންކުރަން ތިބި މުސްލިމުންނަށް ޔަހޫދީ ފައުޖުތަކުން ޙަމަލާދިނުމުން ޙަމާސުންވަނީ އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ސަރަޙައްދުތަކަށް ވަރުގަދަ ރޮކެޓު ޙަމަލާތަކެއް ދީފައެވެ. މެދުނުކެނޑި 11 ދުވަހު ބަދަލުކުރި ޙަމަލާތަކަށްފަހު އެއްވެސް ޝަރުތަކާ ނުލައި ޙަމަލާބަދަލުކުރުން ހުއްޓާލުމަށް ޔަހޫދީންވަނީ އެއްބަސްވެފައެވެ. އެ ޙަމަލާތަކުގައި ފަލަސްޠީނުގެ 260 މީހުން މަރުވެ ޣައްޒާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި ޙަމާސުން ދިން ޙަމަލާތަކުގައި 13 ޔަހޫދީން މަރުވެ އެ ޤައުމުގެ އިޤްތިޞާދަށް ބޮޑު ލޮޅުމެއް އަރައިފައިވެއެވެ.