ޚަބަރު

މެލޭޝިޔާގެ ބޮޑުވަޒީރުކަމުގެ ހުވައި އިސްމާޢީލް ޞަބްރީ ކުރައްވައިފި


މެލޭޝިޔާގެ ބޮޑުވަޒީރުކަމުގެ ހުވައި އިސްމާޢީލް ޞަބްރީ ބިން ޔަޢުޤޫބް ކުރައްވައިފިއެވެ.

މެލޭޝިޔާގެ 9ވަނަ ބޮޑުވަޒީރުގެ މަޤާމުގެ ހުވައި އިސްމާޢީލް ޞަބްރީ ކުރައްވާފައިވަނީ އެ ޤައުމުގެ ކޯވިޑް-19ގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީންގެ ސަރުކާރުން ކޯވިޑް-19އާ ދެކޮޅަށް އެކަށީގެންވާ މިންވަރަކަށް މަސައްކަތްނުކުރާކަމަށް ބުނެ އެ ޤައުމުގެ ޢާންމުންވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

އޭގެ އިތުރުން ޢުމުރުން 61 އަހަރުގެ އިސްމާޢީލް ޞަބްރީއަށް ދެން އެންމެ ބޮޑު އުނދަގުލަކާ ކުރިމަތިލާން ޖެހޭނީ އެ މެލޭޝިޔާގައި އުފެދިފައިވާ ސިޔާސީ މައްސަލަތައް ޙައްލުކުރުމަށެވެ. މެލޭޝިޔާގެ ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތު ގެއްލި ބޮޑުވަޒީރުގެ މަޤާމުން މުޙްޔިއްދީން އިސްތިޢުފާދޭން ޖެހުނު މައިގަނޑު އެއް ސަބަބަކީ ޚިޔާނާތުގެ މައްސަލަތައް ތަޙްޤީޤުކުރުމެވެ. އެ ގޮތުން މެލޭޝިޔާގެ އެންމެ ބޮޑު ޕާޓީކަމަށްވާ ޔުނައިޓަޑު މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން، ޔޫއެމުއެންއޯގެ އިސް މެންބަރުންނާ ދެކޮޅަށްވަނީ ޚިޔާނާތުގެ ދަޢުވާކޮށްފައެވެ. އޭގެ ތެރޭގައި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤް ހިމެނިވަޑައިގަންނަވައެވެ. އިސްމާޢީލް ޞަބްރީއަށް ބޮޑުވަޒީރުގެ މަޤާމު ލިބިވަޑައިގަތީ ޔޫއެމުއެންއޯގެ ތާޢީދާއެކުއެވެ. އެހެންކަމުން އެ ޕާޓީގެ އިސް މެންބަރުންނާ ދެކޮޅަށް ކުރަމުންދާ ޚިޔާނާތުގެ ދަޢުވާތައް ކުރިޔަށްގެންދާނެކަމާމެދުވަނީ ސުވާލުއުފެދިފައެވެ. އޭގެ އިތުރުން ބޮޑުވަޒީރުގެ މަޤާމަށް އިސްމާޢީލް ޞަބްރީ ޢައްޔަންކުރުމަށް މުޙްޔިއްދީންގެ ޕާޓީންވެސްވަނީ ތާޢީދުކޮށްފައެވެ. ކޯވިޑް-19ގެ ޙާލަތު ރަނގަޅުވެ މެލޭޝިޔާގައި އައު ޢާންމު އިންތިޚާބެއް ބޭއްވެންދެން އިސްމާޢީލް ޞަބްރީ ތާޢީދުކުރަން މުޙްޔިއްދީންގެ ޕާޓީން ކުރިމަތިކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި ޚިޔާނާތުގެ ތުޙްމަތުކުރެވޭ އެއްވެސް މީހަކު ވަޒީރުންގެ މަޖިލީހުގައި ނުހިމެނުން ހިމެނެއެވެ.

މެލޭޝިޔާގެ ޢަބްދުﷲ ރަސްގެފާނުގެ ކުރިފުޅުމަތީގައި ބޮޑުވަޒީރުގެ މަޤާމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި އެ ޤައުމުގެ ސިޔާސީ ޕާޓީތަކުގެ އިސްވެރިންވަނީ ބައިވެރިވަޑައިގަންނަވައިފައެވެ. އޭގެ ތެރޭގައި ނަޖީބް ރައްޒާޤުވެސް ހިމެނިވަޑައިގަންނަވައެވެ.