ޚަބަރު

ޖަރީމާތައް ހިންގާ މީހުންނާ ދެކޮޅަށް ފިޔަވަޅުއަޅާނެކަމަށް ޠާލިބާނުން ބުނެފި


އަފްޣާނިސްތާނުގައި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާ މީހުންނާ ދެކޮޅަށް ފިޔަވަޅުއަޅާނެކަމަށް އެ ޤައުމުގައި ވެރިކަންކުރާ ޠާލިބާން ޖަމާޢަތުން ބުނެފިއެވެ.

އޮގަސްޓު މަހުގެ 15ވަނަ ދުވަހު އަފްޣާނިސްތާނުގެ ވެރިރަށްކަމަށްވާ ކާބުލް ޠާލިބާނުންގެ ބާރުގެ ދަށަށް ގެނައުމަށްފަހު އެ ޖަމާޢަތުގެ ވެރިކަން ހިންގުމަށް ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތްވަނީ ފަށައިފައެވެ. ޠާލިބާނުން ބުނެފައިވަނީ ދެވަނަ ފަހަރަށް އަފްޣާނިސްތާނުގެ ވެރިކަމަށް އައުމަށްފަހު އެ ޖަމާޢަތުން އަމަލުކުރާނީ ކުރިއަށްވުރެ ތަފާތުކޮށްކަމަށެވެ. އެ ގޮތުން އަންހެނުންނާއި މީސްމަދު ނަޞްލުތަކުގެ ޙައްޤުތައް ކަށަވަރުކޮށް ޠާލިބާނުންގެ ސަރުކާރުގައި ބައިވެރިކުރާނެކަމަށް އެ ޖަމާޢަތުން ބުނެފައިވެއެވެ.

ޠާލިބާނުން ވެރިކަމަށް އައުމަށްފަހު އަނެއްކާވެސް އަފްޣާނިސްތާނުގައި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާކަމަށް ބުނާ ތުޙްމަތުތަކާ ގުޅޭގޮތުން އެ ޖަމާޢަތުން ބުނެފައިވަނީ އެ ޤައުމުގެ ބައެއް ސަރަޙައްދުތަކުގައި ލާއިންސާނީ އަމަލުތައް ހިންގާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށާއި އެފަދަ އަމަލުތައް ހިންގުމުގައި ޠާލިބާނުންގެ މެންބަރުން ބައިވެރިވާނަމަ އެ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށެވެ. އަދި އަފްޣާނިސްތާނުގައި އުފެދިފައިވަނީ ބިރުވެރިކަމާއި ނާއުންމީދީ ޙާލަތެއްކަން ޤަބޫލުކުރާކަމަށާއި ޠާލިބާނުންގެ މެންބަރުންގެ ޢަމަލުތައްވެސް ތަޙްޤީޤުކޮށް ފިޔަވަޅުއަޅާނެކަމުގެ ޔަޤީންކަން ދޭކަމަށް އެ ޖަމާޢަތުން ބުނެފައިވެއެވެ.

ޠާލިބާނުންވަނީ އަފްޣާނިސްތާނުގެ އަމީރުގެ މަޤާމަށް އެ ޖަމާޢަތުގެ ސިޔާސީ އިދާރާގެ އިސްވެރިޔާ މުއްލާ ޢަބްދުލް ޣަނީ ބަރާދަރު ޢައްޔަންކޮށްފައެވެ.