ޚަބަރު

10 ދުވަހަށް ސްރީ ލަންކާ ފުރަބަންދުކޮށްފި


ސްރީ ލަންކާގައި ކޯވިޑް-19ގެ ޙާލަތު ގޯސްވެ ހަސްފަތާލުތައް ފުރުމުގެ ސަބަބުން އެ ޤައުމުގައި ފުރަބަންދުގެ އުޞޫލުތައް އިޢުލާންކޮށްފިއެވެ.

ސްރީ ލަންކާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނީ ކުރިޔަށް އޮތް 10 ދުވަހަށް އެ ޤައުމު ފުރަބަންދުކޮށްފައިވާކަމަށެވެ. ނަމަވެސް ފުރަބަންދުގެ މުއްދަތުގެ ތެރޭގައި އަސާސީ ހުރިހާ ޚިދުމަތެއް ލިބޭނެކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. އަދި ކޮންމެ ރެއެއްގެ 10ން ފަތިހު 4އަށް ބޭރަށް ނުކުތުން މަނާކޮށް ހަފުލާތަކާއި ޝޯތައް ބޭއްވުންވަނީ މަނާކޮށްފައެވެ. އޭގެ އިތުރުން މަދަރުސާތަކާއި ކަސްރަތުކުރާ މަރުކަޒުތައްފަދަ ތަންތަންވެސްވަނީ 10 ދުވަހަށް ބަންދުކޮށްފައެވެ.

21 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސްރީ ލަންކާގައި ކޯވިޑް-19ގެ އެންމެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރުކަމަށްވާ ޑެލްޓާ ވޭރިއެންޓު ފެތުރެން ފެށުމުން ދުވާލެއްގެ މައްޗަށް 3،000އަށްވުރެ ގިނަ މީހުންނަށް ބަލިޖެހެއެވެ. އެއާއެކު އެ ޤައުމުގެ ހަސްފަތާލުތަކަށް ބާރުބޮޑު ބަލިޖެހޭ މީހުންނަށް ފަރުވާ ދިނުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާންވަނީ ޖެހިފައެވެ. އެ ޤައުމުގައި ޖުމުލަ 372,079 މީހުންނަށް ބަލިޖެހިފައެވެ. އަދި ބަލިމަޑުކަމުގައި 6,604 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި ކޯވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައިވަނީ އާބާދީގެ 24 އިންސައްތަ މީހުންނެވެ.