ވިޔަފާރި

ބޭނުންނުކޮށް ހުރި ރެވެނިއު ސްޓޭޕްތައް ރީފަންޑުކޮށްދޭނެ: މީރާ


ބޭނުންނުކޮށް ހުރި ރެވެނިއު ސްޓޭމްޕްތައް ނޮވެމްބަރުމަހުގެ 15 ވަނަ ދުވަހުގެކުރިން ރީފަންޑުކޮށްދޭނެކަމަށް މީރާއިން ބުނެފިއެވެ.

މީރާއިން މިގޮތަށް ނިންމާފައިވަނީ ދައުލަތުގެ އެކިއެކި ލިޔުންތަކުގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ޤާނޫނު އުވާލުމާއި ގުޅިގެންނެވެ. މިޤާނޫނު އުވާލުމާއި އެކު މީރާ އިން ބުނީ، ބޭނުން ނުކޮށް ހުރި ސްޓޭމްޕްތަކަށް ފައިސާ ބޭނުންވާ ފަރާތްތަކުން އަންނަ ނޮވެމްބަރު 15 ވަނަ ދުވަހުގެ ކުރިން އެ ކަމަށް އެދި އެ އިދާރާއަށް ހުށަހެޅޭނެ ކަމަށެވެ.

މީރާއިން ރީފަންޑް ދިނުމަށް ނިންމާފައިވަނީ އެ އޮތޯރިޓީން ވިއްކާފައި ހުރި ސްޓޭމްޕްތަކުގެ ތެރެއިން ބޭނުން ނުކޮށް ހުރި ސްޓޭމްޕްތަކަށެވެ.

ސްޓޭމްޕް ރީފަންޑު ކޮށްދިނުމަށް އެދި ހުށަހަޅާނީ އެކަމަށް ހާއްސަކޮށްފައިވާ ފޯމް މެދުވެރިކޮށެވެ. އަދި ފޯމާއި އެކު ބޭނުން ނުކުރާ ސްޓޭމްޕް ހުށަހެޅުމަށް މީރާއިން ވަނީ އަންގާފައެވެ.

އެކިއެކި ލިޔުންތަކުގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ޤާނޫނު މިދިޔަ ޖުލައި މަހު އުވާލާފައިވަނީ، ދައުލަތަށް ރެވެނިއު ސްޓޭމްޕް ވިއްކައިގެން އެކަށީގެންވާ އާމްދަނީއެއް ނުލިބޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ. މިއާއި އެކު 1970 ވަނަ ޢަމަލު ކުރަން ފެށި މިޤާނޫނު 50 އަހަރު ފަހުން ވަނީ އުވާލާފާއެވެ. އޭރު މިޤާނޫނު އެކުލަވާލީ ހިދުމަތްތަކުން ދައުލަތަށް އާމްދަނީ ހޯދުމުގެ ބޭނުމުގައެވެ.