ކުޅިވަރު

ރެއާލްގެ އޮޑެގާޑް އާސެނަލްއަށް ސޮއިކޮށްފި


ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑަށް ކުޅެމުންދިޔަ މާޓިން އޮޑެގާޑް އިންގްލިޝް ޕްރިމިއަރ ލީގުގެ އާސެނަލްއަށް ސޮއިކޮށްފިއެވެ. އޮޑެގާޑް އާސެނަލްއަށް ސޮއިކޮށްފައި ވަނީ 30 މިލިއަން ޕައުންޑްގެ އަގަކަށެވެ.

އުމުރުން 22 އަހަރުގެ މިކުޅުންތެރިޔާ މިދިޔަ ސީޒަންގެ ފަހު ބައި ހޭދަކޮށްފައި ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން އާސެނަލްގައެވެ. އަދި އާސެނަލްއަށް ވިހި މެޗް ކުޅެދީ 2 ލަނޑު ޖަހައިދީފައެވެ. ނޯވޭގެ ބައިނަލްއަޤްވާމީ މިކުޅުންތެރިޔާ އާސެނަލް އާއި ގުޅިފައިމިވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ބޭނުންނަމަ އިތުރު އެއް އަހަރު އިތުރު ކުރުމުގެ ފުރުސަތުވެސް އެއްބަސްވުމުގައި ހާމަކޮށްފައިވެއެވެ. އޮޑެގާޑް ވެފައިވަނީ މިސީޒަނަށް އާސެނަލްއާއި ގުޅުނު ހަތަރުވަނަ ކުޅުންތެރިޔާއަށެވެ. އެހެން ކުޅުންތެރިންނަކީ ބެން ވައިޓް، އެލްބަރޓް ސެމްބީ ލޮކޮންގާ އަދި ނޫނޯ ޓަވަރޭޒްއެވެ. ނަމަވެސް މި އާދީއްތަ ދުވަހު އާސެނަލް ޗެލްސީ އާއި ކުޅޭ މެޗްގައި ވިސާގެ ކަންތައްތައް މުޅިން ހަމަ ނުޖެހޭތީ އަދި ނުކުޅެވޭނެއެވެ. އާސެނަލްގެ ކޯޗް މިކެލް އާޓެޓާ ބުނީ އޮޑެގާޑްއަކީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި މިދިޔަ ސީޒަންގައިވެސް އޭނާ އައުމާއެކު ޓީމަށް އިތުރު ކުރިއެރުމެއް ލިބިގެން ދިޔަ ކަމަށެވެ. އަދި އޭނާއަކީ ވަރަސް ޒުވާން ކުރިމަގު އޮތް ކުޅުންތެރިއެއް ކަމަށްވެސް އާޓެޓާ ބުންޏެވެ.

މީގެއިތުރުން ޝެފީލްޑް ޔުނައިޓެޑްގެ ކީޕަރ އާރޮން ރަމްސްޑޭލްވަނީ އާސެނަލްއާ ގުޅުމުގެ ކުރިން މެޑިކަލް ފުރިހަމަ ކޮށްފައެވެ. ރަމްސްޑެލް އާސެނަލް އާއި ގުޅެނީ 24 މިލިއަން ޕައުންޑްގެ އަގަކަށެވެ. އަދި އިތުރު އިނާޔަތް ތަކުގެ ގޮތުގައި ހަ މިލިއަން ހިމެނިގެން ދާނެކަމަށް ވަނި ބެލެވިފައެވެ. އުމުރުން 23 އަހަރުގެ ރަމްސްޑޭލް ވަނީ މިދިޔަ ސީޒަންގައި ބޭލްޑްސްއަށް 38 މެޗް ޕްރިމިއަރ ލީގުގައި ކުޅެދީފައެވެ. ރަމްސްޑޭލްގެ އިތުރުން އާސެނަލްގެ ގޯލް ކީޕަރުންގެ ތެރޭގައި ދެން ހިމެނެނީ ބަރންޑް ލެނޯ އަދި ރޫނަރ އެލެކްސް ރުނަރސަން އެވެ. އާޓޭޓާ ބުނީ އޭނާ މެޑިކަލް ހެދި ނަމަވެސް އަދި ލިޔެކިޔުމުގެ ބައެއް ކަންތައްތައް ފުރިހަމަ ކުރަން އެބަހުރި ކަމަށެވެ. އާޓޭޓާ ބުނީ ރަމްސްޑޭލްއަކީ ޕްރިމިއަރ ލީގުގެ ތަޖްރިބާ ވަރަށް ބޮޑަށް ހުރި ޒުވާން ހުނަރުވެރި ކީޕަރެއް ކަމަށެވެ. އަދި އޭނާ ޓީމާއި ގުޅުމާއެކު ދެން ތިބި ކީޕަރުންނާއެކު ވާދަވެރިކަން އުފެދިގެން ދާނެކަމަށް ގަބޫލް ކުރާ ކަމަށެވެ. މިއީ މިވަގުތަށް އެންމެ ބޭނުން ކަންތައްކަމަށްވެސް އޭނާ ބުންޏެވެ.