ކުޅިވަރު

އަނިޔާގެ ސަބަބުން މިއަހަރުގެ ޓެނިސް ސީޒަން ނަޑާލް ނިންމާލައިފި


ސްޕެއިންގެ ރަފައެލް ނަޑާލް މިއަހަރުގެ ޓެނިސް ސީޒަންގެ ކުރިއަށް ހުރި މުބާރާތް ތަކުގައި ބައިވެރި ނުވާން ރަފައެލް ނަދާލް ނިންމާ ސީޒަން ނިންމާލައިފިއެވެ.
ނަޑާލް ވަނީ އަނިޔާގެ ސަބަބުން ސިންސިނާޓީ މާސްޓަރސް އާއި ކެނޭޑިއަން އޯޕަން ޓޭނިސް މުބާރަތުގައި ވާދަ ނުކުރާކަން ކުރިން ހާމަކޮށްފައެވެ. ނަމަވެސް މިނިންމުމާއެކު މިމަހުގެ 30 ގައި ފެށުމަށް ހަމަޖެހިފައިވާ އަހަރުގެ ފަހު ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަންގައިވެސް އޭނާ ބައިވެރި ނުވާނެކަން މިހާރުވަނީ ޔަގީންވެފައެވެ.

އުމުރުން 35 އަހަރުގެ ނަޑާލް އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ބުނެފައިވަނީ އޭނާގެ ފަޔަށް ލިބިފައިވާ އަނިޔާ އާއެކު ކުޅޭތާ މިހާރު އަހަރެއްހާ ދުވަސް ވެއްޖެ ކަމަށާއި އެހެންކަމުން މިކަމުން އެއްކޮށް ރަނގަޅު ވުމަށްޓަކައި މިހާރު އަރާމުކޮށް، ކުޅުމާއި ދުރުގައި ވަގުތު ކޮޅެއް ހޭދަކުރަން ޖެހިފައިވާކަމަށެވެ. އަދި މިނިންމުމަކީ އޭނާގެ ޓީމާއި އާއިލާ އާއި މަޝްވަރާ ކުރުމަށްފަހު ނިންމި ނިންމުމެއް ކަމަށާއި އަދި މިއީ މިކަމައިގެން ކުރިއަށް ދާން އެނމެ ރަނގަޅު ގޮތް ކަމަށްވެސް އޭނާ ބުންޏެވެ. އަދި މިކަމުން އަރައިގަނެ އަލުން ކުޅުމުގެ ތެރެއަށް މިހާރަށްވުރެ ވަރުގަދަކޮށް އައުމަށް އޭނާއަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެކަމަށްވެސް އޭނާ ބުންޏެވެ. ނަޑާލްގެ ފަޔަށް ލިބިފައިވާ އަނިޔާ އިތުރަށް ގޯސްވީ މިއަހަރުގެ ފްރެންޗް އޯޕަން ޓެނިސް މުބާރަތުގެ ތެރޭގައެވެ. މިގޮތުން ތަށި ދިފާއު ކުރުމަށް ނިކުން ނަޑާލްއަށް އެކަން ނުވިއިރު ޖެހިގެން އައި ވިމްބަލްޑަން ޓެނިސް މުބާރާތާއި އޮލިމްޕިކް ކުޅިވަރު މުބާރާތުގައި ވެސް އޭނާއަށް ބައިވެރިވެވޭ ގޮތް ނުވިއެވެ.

ނަޑާލްގެ އިތުރުން އަނިޔާގެ ސަބަބުން މިވަގުތު ކުޅުމާއި ދުރަށް ދާކަން ރޮޖަރ ފެޑެރަރވެސް ވަނީ ވަރަށް ފަހުން ހަމަކޮށްފައެވެ. އަދި އަނިޔާގެ ސަބަބުން ޔޫއެސް އޯޕަންގެ އެންމެފަހުގެ ޗެމްޕިއަން ޑޮމިނިކް ތީމްވެސް މިފަހަރުގެ މުބާރާތުގައި ނުފެންނާނެކަން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން މިފަހަރުގެ މުބާރާތް ކާމިޔާބު ކުރުން އެންމެ ގާތްކަމަށް މިހާރު އެންމެންވެސް ގަބޫލް ކުރަނީ މިސީޒަންގައި މިހާތަނަށް ބޭއްވި ގްރޭން ސްލޭމްގެ ތިން މުބާރާތް ވެސް ކާމިޔާބުކޮށްފައިވާ ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ ނޮވަކް ޖޯކޮވިޗެވެ.