ޚަބަރު

ހަފުތާއަކަށް ނިޔު ޒީލެންޑު ފުރަބަންދުކޮށްފި


ނިޔު ޒީލެންޑުގެ އެކި ސަރަޙައްދުތަކުގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެން ފެށުމުން ހަފުތާއެއްގެ މުއްދަތަށް އެ ޤައުމު ފުރަބަންދުކޮށްފިއެވެ.

ނިޔު ޒީލެންޑަކީ ދުނިޔޭގައި ކޯވިޑް-19އާ ދެކޮޅަށް އެންމެ ހަރުދަނާ ފިޔަވަޅުތައް އަޅާފައިވާ އެއް ޤައުމެވެ. ނަމަވެސް އަވަށްޓެރި އޮސްޓުރޭލިޔާގައި ކޯވިޑް-19ގެ އެންމެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރުކަމަށްވާ ޑެލްޓާ ވޭރިއެންޓު ފެތުރެން ފަށައިފައިވާ ދަނޑިވަޅެއްގައި އެ ޤައުމަށް ވައިގެ އުދުހުންތައް ފެށުމުން ނިޔު ޒީލެންޑުގައިވެސް ބަލިމަޑުކަންވަނީ ފެތުރިފައެވެ. އެ ގޮތުން ނިޔު ޒީލެންޑުގައި ބަލިމަޑުކަން ފެތުރިފައިވާ ސަރަޙައްދުތަކުގެ ތެރޭގައި އެ ޤައުމުގެ އެންމެ އާބާދީ ބޮޑު ރަށްކަމަށްވާ އޯކްލޭންޑާއި އެ ޤައުމުގެ ވެރިރަށް ވެލިންޓަން ހިމެނެއެވެ. އެއީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުން ނިޔު ޒީލެންޑުން ކޯވިޑް-19 ޖެހިފައިވާ ބަޔަކު ފެނުނު ފުރަތަމަ ފަހަރުވެސްމެއެވެ.

އޯގަނައިޒޭޝަން ފޮރ އެކޮނޮމިކް ކޯއޮޕަރޭޝަން އެންޑު ޑެވެލޮޕުމެންޓުގައި ހިމެނޭ 38 ޤައުމުގެ ތެރެއިން އާބާދީގެ ނިޞްބަތުން އެންމެ މަދުން ވެކްސިން ޖަހާފައިވަނީ ނިޔު ޒީލެންޑުގައެވެ. އެ ގޮތުން 5 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ނިޔު ޒީލެންޑުގައި ކޯވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައިވަނީ އެންމެ 19 އިންސައްތަ މީހުންނެވެ.