ޚަބަރު

އަންނަ މަހުގެ ނިޔަލަށް ސިޑުނީ ފުރަބަންދުކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފި


އޮސްޓުރޭލިޔާގެ އެންމެ އާބާދީ ބޮޑު ސުޓޭޓުކަމަށްވާ ނިޔު ސައުތު ވޭލްސްގެ ވެރިރަށް ސިޑުނީގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

ދުނިޔޭގައި ކޯވިޑް-19އާ ދެކޮޅަށް އެންމެ ހަރުދަނާ ފިޔަވަޅުތަކެއް މީގެ ކުރިން އަޅާފައިވާ އޮސްޓުރޭލިޔާއިން ދަނީ ބަލިމަޑުކަމުގެ ދެވަނަ ރާޅަކާ ކުރިމަތިލަމުންނެވެ. އެ ގޮތުން ފާއިތުވި ހަފުތާތަކުގައި އެ ޤައުމުގެ 26 މިލިޔަން މީހުންގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންވަނީ ފުރަބަންދުކޮށްފައެވެ. އެއާއެކު ދުނިޔޭގެ 13ވަނައަށް އެންމެ ބޮޑު އިޤްތިޞާދު އޮންނަ އޮސްޓުރޭލިޔާއަށްވަނީ އިޤްތިޞާދީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.

ކޯވިޑް-19ގެ އެންމެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއެންޓު އެންމެ ބޮޑަށް ފެތުރިފައިވަނީ ސިޑުނީގައެވެ. ބަލަމަޑުކަން ފެތުރުން ހުއްޓުވުމަށް ނިޔު ސައުތު ވޭލްސްގެ ސަރަޙައްދީ ސަރުކާރުންވަނީ ސިޑުނީގައި ދިރިއުޅޭ 5 މިލިޔަން މީހުން އަންނަ ސެޕުޓެންބަރު މަހުގެ ނިޔަލަށް ފުރަބަންދުކޮށްފައެވެ. އޭގެ އިތުރުން ރޭގަނޑުގެ ވަޤުތުތަކުގައި ބޭރަށް ނުކުތުން މަނާކުރުމާއި ޢާންމު ތަންތަނުގައި މާސްކު އެޅުންވަނީ މަޖުބޫރުކޮށްފައެވެ. އަދި އެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ މަސައްކަތްވަނީ އޮސްޓުރޭލިޔާގެ އަސްކަރިއްޔާއާ ޙަވާލުކޮށްފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނިޔު ސައުތު ވޭލްސްގައި 644 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުންނަށް ބަލިޖެހިފައިވަނީ ސިޑުނީގައެވެ. އޮސްޓުރޭލިޔާގެ އެންމެ އާބާދީ ބޮޑު ރަށްކަމަށްވާ ސިޑުނީގައި ފުރަބަންދު އިޢުލާންކުރިފަހުން 8 ހަފުތާ ފާއިތުވި ނަމަވެސް ފާއިތުވި 7 ދުވަހުވެސް ދުވާލެއްގެ މައްޗަށް 400އަށްވުރެ ގިނަ މީހުންނަށްވަނީ ބަލިޖެހިފައެވެ. އަދި ސިޑުނީގައި ބަލިފެތުރުން ނުހުއްޓުވުމުގެ ސަބަބުން ޖެހިގެން އޮންނަ ވިކްޓޯރިޔާއާއި އޮސްޓުރޭލިޔާގެ ވެރިރަށް ކެންބެރާއާއި އަވަށްތެރި ނިޔު ޒީލެންޑަށްވެސްވަނީ ޑެލްޓާ ވޭރިއެންޓުގެ އަސަރުކޮށްފައެވެ. އެ ގޮތުން ވިކްޓޯރިޔާއާއި ކެންބެރާވަނީ ފުރަބަންދުކޮށްފައެވެ. އަދި 6 މަސްދުވަހަށްފަހު ނިޔު ޒީލެންޑުންވެސްވަނީ ބަލިމަޑުކަމާ ދެކޮޅަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ.

25 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އޮސްތުރޭލިޔާގައި ކޯވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައިވަނީ 16 އަހަރުން މަތީގެ އާބާދީގެ 28 އިންސައްތަ މީހުންނެވެ. އެ ޤައުމުގައި ވެކްސިން ޖެހުމުގެ ދުވެލި މަޑުވުމުގެ ސަބަބުން ޢާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއްވަނީ ސަރުކާރަށް އަމާޒުވެފައެވެ. އަދި އެ ޤައުމުގެ ބޮޑުވަޒީރު ސުކޮޓު މޮރިސަންވަނީ އެ ކަމަށް މަޢާފަށްވެސް އެދިވަޑައިގެންފައެވެ.