ބޮލީވުޑް އެކްޓަރ ޝާހުރުކްޚާން ވަނީ ދާދިފަހުން އޭނާގެ ދަރިން މުސްތަޤްބަލުގައި ކުރަން ބޭނުންވާ ކަންތައްތައް ހާމަކޮށްފައެވެ. މިގޮތުން އަންހެން ދަރިފުޅު ސުހާނާ ޚާން ބޭނުންވަނީ އެކްޓަރަކަށް ވާން ކަމަށާއި ފިރިހެން ދަރިފުޅު އާރްޔަން ޚާން ބޭނުންވަނީ ޕްރޮޑިއުސަރަކަށް ވާންކަމަށް ޝާހު ވަނީ ބުނެފައެވެ. 
ބޮލީވުޑް ޚަބަރުތައް ގެނެސްދޭ އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި ސުހާނާ ވަރަށް އަވަހަށް ބޮލީވުޑުން ފެންނާނެއެވެ. ޑައިރެކްޓަރ ޒޯޔާ އަޚްތަރު ވަނީ ސުހާނާ ބޮލީވުޑަށް ތަޢާރަފް ކުރުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިކަމަށްވެސް ޚަބަރުތައް ބުނެއެވެ. 
"ޒިންދަގީ ނާ މިލޭގީ ދޮބާރާ" ގެ ޑައިރެކްޓަރ ޒޯޔާ ދަނީ މަޝްހޫރު ކޮމިކް ބުކް އާޗީގެ އިންޑިއަން ވާރޝަންއެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. 
ޓީނޭޖް ރޮމޭންޓިކް ކޮމެޑީއެއް ގޮތަށް ގެނެސްދޭ މި ފިލްމު ރިލީޒްކުރާނީ ނެޓްފްލިކްސް އިންނެވެ. ފިލްމުގެ މުހިންމު ރޯލަކުން ސުހާނާ ފެންނާނެކަމަށް ބެލެވޭއިރު ބޯނީ ކަޕޫރު އަދި ސްރީދޭވީގެ ހަގު ދަރިފުޅުވެސް މި ފިލްމުން ފެންނާނެކަމަށް މިހާރުވަނީ އަޑުތައް ފެތުރިފައެވެ. މީގެ އިތުރުން ސާރާ ޢަލީޚާންގެ ކޮއްކޮ އަދި ސައިފް ޢަލީޚާން އާއި އަމްރިތާ ސިންގްގެ ފިރިހެން ދަރިފުޅު އިބްރާހީމް ޚާން މި ފިލްމުގައި އާޗީގެ ރޯލުން ފެންނާނެ ކަމަށްވެސް ޚަބަރުތައް ބުނެއެވެ. 
ޒޯޔާގެ އިތުރުން ކަރަން ޖޯހަރްވެސް ވަނީ ސުހާނާ އާއި ޚުޝީ ބޮލީވުޑަށް ތަޢާރަފްކުރުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައެވެ. ޚުޝީގެ ދައްތަ ޖާންވީ ކަޕޫރުވެސް ފިލްމު "ދަޅަކް" އިން ލޯންޗް ކޮށްފައިވަނީ ކަރަން އެވެ. 
އެކްޓިންގެ ދާއިރާއަށް ސުހާނާ އަކީ އައު މޫނެއް ނޫނެވެ. މީގެކުރިން ސުހާނާ ވަނީ ލަންޑަންގައި ކުޅުނު "ރޯމިއޯ އެންޑް ޖޫލިއަޓް" ޑްރާމާގައިވެސް ބައިވެރިވެފައެވެ. އަދި ކުރު ފިލްމު "ދަ ގްރޭ ޕާޓް އޮފް ބްލޫ" ގައި ވެސް ސުހާނާ ވަނީ މަސައްކަތްކޮށްފައެވެ. މި ފިލްމަށް ބެލުންތެރިންގެ ތަރުޙީބުވެސް ވަނީ ލިބިފައެވެ. 
ނަމަވެސް ސުހާނާ ބޮލީވުޑުން ފެނިގެންދާ އެންމެ ފުރަތަމަ ފިލްމަކަށް ވެގެންދާނީ 'އާރްޗީ' އެވެ. 
ފިލްމަށް ސޮއި ކުރުމާއި ކަރުދާހުގެ އެހެނިހެން މަސައްކަތްތައް އަދި ނިންމާލެވޭނީ ސުހާނާ އާއި ޝާހު ހުއްދަ ދިނީމައެވެ.