މުނިފޫހިފިލުވުން

"ބެލް ބޮޓަމް" ސިނަމާއަށް، އަކްޝޭ އަނެއްކާވެސް ސެޓަށް


ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އެންމެ ބިޒީ އެކަކީ އަކްޝޭ ކުމާރުއޭ ބުނެވިދާނެއެވެ. އަހަރެއްގެ ތެރޭގައި އަކްޝޭ އަންނަނީ އެތައް ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. އަކްޝޭ ހިމެނޭ ތިންވަރަކަށް ފިލްމު އަހަރެއްގެ ތެރޭގައި ރިލީޒްކުރެއެވެ.

މިދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ބިޒީ ޝެޑިއުލްގައި އެނާ ކުރަމުން ދިޔަ މަސައްކަތަކީ މިހާރު ސިނަމާތަކަށް ނުކުމެފައިވާ "ބެލްބޮޓަމް"ގެ އެންމެ ފަހުގެ މަސައްކަތްތަކެވެ. އެފިލްމުގެ މަސައްކަތް ނިންމާ ފިލްމު ޕްރޮމޯޓް ކުރުމުގެ މަސައްކަތުގައިވެސް އުޅުމަށްފަހު ބޮލީވުޑްތަރި އަކްޝޭ ކުމާރު އަނެއްކާވެސް އޭނާގެ ކުރިއަށް އޮތް ފިލްމުގެ މަސައްކަތް ފަށައިފިއެވެ.

ތެލުގޫ ސައިކޮލޮޖިކަލް ތްރިލަރ "ރަކްޝަސުދޫ" ގެ ހިންދީ ރީމޭކް "ސިންޑްރެއްލާ"ގެ މަސައްކަތް އަކްޝޭ ވަނީ އިނގިރޭސިވިލާތުގައި އަނެއްކާވެސް ފަށާފައެވެ. ރަންޖީތް އެމް ތިވާރީ ޑައިރެކްޓްކުރާ މި ފިލްމުގައި އަކްޝޭގެ އިތުރުން ރަކުލް ޕްރީތް ސިންގވެސް ފެނިގެންދާނެއެވެ.

މި ފިލްމު ޕްރޮޑިއުސްކުރަނީ ކޯނޭރު ސަތަޔަނާރަޔާނާ އެވެ. އަދި އަކްޝޭ ވަނީ މި ފިލްމުގެ ރައިޓްސްވެސް ގަނެފައެވެ.
އޮރިޖިނަލް ފިލްމު "ރަކްޝަސުދޫ" ގައި ދައްކަނީ ފުރާވަރަށް އަރާ ކުދިން މަރަމުންދާ ސީރިއަލް ކިލަރއެއް ހޯދަން އުޅޭ ސަބް އިންސްޕެކްޓަރެއްގެ ވާހަކައެވެ.

ލީޑް ރޯލުން އަކްޝޭ، ވާނީ ކަޕޫރު އަދި ލާރާ ދައްތާ ފެނިގެންދާ އަކްޝޭގެ އެންމެ ފަހުގެ ފިލްމު "ބެލް ބޮޓަމް" އިއްޔެ ރިލީޒްކޮށްފައިވާއިރު އޭނާގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި "ސޫރަޔަވަންޝީ" ، "އަތްރަންގީ ރޭ" ، "ބައްޗަން ޕާންޑޭ" ، "ރާމް ސޭޓޫ" އަދި "ރަކްޝާ ބަންދަން" ހިމެނެއެވެ.