ޚަބަރު

13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި 2 މީހަކަށް ދައުވާ އުފުލަނީ


ކުޑަ ފިރިހެންކުއްޖަކު މަރާލުމަށްފަހު، ފޮއްޓަކަށްލައި އެއްލާލި މައްސަލައިގައި ހައްޔަރުކުރި 2 މީހުންގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހުން ނިންމައިފިއެވެ.

13 އަހަރުގެ ފިރިހެން ކުއްޖާ މަރާލާފައި، ހުޅުމާލޭ މޫދަށް އެއްލާލާފައި އޮއްވާ ފެނުނީ ޖޫންމަހުގެ 22 ވަނަ ދުވަހުގެރޭ މެންދަމުގެ ވަގުތެއްގައެވެ. އަދި އެމައްސަލައިގައި ފުލުހުން ވަނީ ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނުއާއި 17 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފައެވެ.

މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވީ މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ޒީހާންގެ މައްޗަށް 7 ބާވާތެއް 13 ދައުވާއެއް އުފުލަން ނިންމާފައިވާކަމަށެވެ. އޭގެތެރޭގައި ގަސްތުގައި މީހަކު މެރުން، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމާއި، ކުޑަކުއްޖަކަށް މަސްތުވާތަކެތި ދީގެން ޖިންސީ ގޯނާކުރުމުގެ އިތުރުން މައްޔިތެއްގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ދައުވާވެސް ހިމެނެއެވެ. ޝަމީމް ވިދާޅުވީ އެ ދައުވާތައް ސާބިތުވެއްޖެނަމަ 100 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އައުން އެކަށީގެންވާކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މިމައްސަލައިގައި ހައްޔަރުކުރި 17 އަހަރުގެ ކުއްޖާއަށްވެސް ގަސްތުގައި މީހަކު މެރުމުގެ ދައުވާއާއި، އިތުރު ދައުވާތަކެއް ކުރަން ނިންމާފައިވާކަމަށެވެ. އަދި މިމައްސަލައިގައި ވީއެންމެ އަވަހަކަށް ޝަރީޢަތް ކުރިއަށްގެންގޮސް ނިންމާލުމަކީ ވަރަށް މުހިއްމުކަމެއްކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މި ދެ މީހުންގެ މައްޗަށްވެސް މައްސަލަ ސާބިތުވާވަރުގެ ހެކި އެބަހުރިކަމަށެވެ. އަދި މިމައްސަލައިގައި އާއްމުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝަމީމް ވަނީ ޝުކުރުއަދާކޮށްފައެވެ.

މަރާލުމަށްފަހު ހުޅުމާލޭ ފޭސް 2ގެ މޫދަށް އެއްލާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ ޕޯސްޓްމޯޓަމްވެސް ވަނީ ހަދާފައެވެ. އަދި ޕޯސްޓްމޯޓަމް ނަތީޖާއިންވެސް ހެކި ލިބިފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ.

13 އަހަރުގެ މިކުއްޖާ ރަހީނުކޮށްގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އެ ކުއްޖާ ހޯދަމުންދަނިކޮށް ފެނުނީ މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 2:38 ހާއިރެވެ. ކުއްޖާ ފެނުނީ މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދާ ދިމާލުންނެވެ. މިކުއްޖާ މޫދަށް އެއްލާލާފައި އޮތީ މަރާލުމަށްފަހު ފޮއްޓަކަށްލާފައެވެ. މި ކުއްޖާ މަރާލާފައި އެއްލާލާފައި އޮތީ އެކުއްޖާގެ މޫނު ވަކިނުކުރެވޭވަރަށް މޫނު ވަރަށް ބޮޑަށް ޒަޚަމްކޮށްލުމަށްފަހު ކަމަށް އެނގިފައިވެއެވެ.