ޚަބަރު

މަޖުބޫރީ ޙާލަތުގައި ޤައުމު ދޫކޮށް ދިޔައީ ހުސްއަތާ: ޣަނީ


މަޖުބޫރީ ޙާލަތުގައި އަފްޣާނިސްތާން ދޫކުރައްވައި ވަޑައިގެންނެވީ އެއްވެސް ފައިސާއެއް ހިފައިގެން ނޫންކަމަށް އެ ޤައުމުގެ ކުރީގެ ރައީސް އަޝްރަފް ޣަނީ ވިދާޅުވެއްޖެއެވެ.

ދެވަނަ ފަހަރަށް ޠާލިބާން ޖަމާޢަތުގެ ބާރުގެ ދަށަށް އަފްޣާނިސްތާން ދިޔުމުން ޣަނީވަނީ ޤައުމު ދޫކުރައްވައި އަވަށްޓެރި ތަޖިކިސްތާނަށް ވަޑައިގެންފައެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ޣަނީ މިހާރު ހުންނެވީ ޢުންމާންގައެވެ. ޤައުމު ދޫކުރައްވައި ޣަނީ ވަޑައިގަތީ ޤައުމުގެ ފައިސާއާއި މުދާ ހިތްޕަވައިގެންކަމަށް އޭނާގެ ވަޒީރުންވަނީ ތުޙްމަތުކޮށްފައެވެ. އަދި ބައެއް ޤައުމުތަކުގެ ޚާރިޖީ ވުޒާރާތަކުންވެސް ޣަނީގެ މައްޗަށް އެފަދަ ތުޙްމަތުތަކެއް ކޮށްފައިވެއެވެ.

މީސްމީޑިޔާގައި ޢާންމުކުރެއްވި ވީޑިޔޯއެއްގައި ޣަނީ ވިދާޅުވެފައިވަނީ އޭނާ އަފްޣާނިސްތާން ދޫކުރައްވައި ވަޑައިގަތީ މަޖުބޫރީ ޙާލަތުގައިކަމަށާއި އޭނާގެ ސަރުކާރުގެ އިސްވެރިންގެ އެދުމުގެ މަތިންކަމަށެވެ. އަދި އަފްޣާނިސްތާން ދޫކުރައްވައި ވަޑައިގަތީ ލޭއޮހޮރުވުމަކުން ޤައުމު ސަލާމަތްކުރެއްވުމަށްކަމަށްވެސް ޣަނީ ވިދާޅުވިއެވެ. ޤައުމުގެ ފައިސާއަށާއި މުދަލަށް ޚިޔާނާތްތެރިވެވަޑައިގެންފައިވާކަމަށް ކުރެވޭ ތުޙްމަތުތައް ދޮގުކުރައްވައި ޣަނީ ވިދާޅުވީ އޭނާ އަފްޣާނިސްތާނުން ވަޑައިގަތީ ހުސްއަތާކަމަށެވެ.

ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާން ގެނައުމަށްފަހު އެ ޖަމާޢަތުންވަނީ އެ ޤައުމުގެ އަމީރުގެ މަޤާމަށް މުއްލާ ޢަބްދުލް ޣަނީ ބަރާދަރު ޢައްޔަންކޮށްފައެވެ.