ޚަބަރު

މެލޭޝިޔާގެ ބޮޑުވަޒީރުގެ މަޤާމަށް އިސްމާޢީލް ޞަބްރީ ބިން ޔަޢުޤޫބް


މެލޭޝިޔާގެ ބޮޑުވަޒީރުގެ މަޤާމަށް އިސްމާޢީލް ޞަބްރީ ބިން ޔަޢުޤޫބް ޢައްޔަންކުރުމަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

ޢުމުރުން 61 އަހަރުގެ އިސްމާޢީލް ޞަބްރީ ބިން ޔަޢުޤޫބް މީގެ ކުރިން ހުންނެވީ މެލޭޝިޔާގެ ބޮޑުވަޒީރުގެ މަޤާމުން އިސްތިޢުފާދެއްވި މުޙްޔިއްދީން ޔާސީންގެ ނައިބުގެ މަޤާމުގައެވެ. ބޮޑުވަޒީރުގެ މަޤާމަށް އިސްމާޢީލް ޞަބްރީ ޢައްޔަންކުރުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެފައިވަނީ މީގެ ކުރިން މުޙްޔިއްދީންނަށްވެސް އެ މަޤާމު ހޯދައިދިން އިއްތިޙާދުންނެވެ. ބޮޑުވަޒީރުގެ މަޤާމުން އޮގަސްޓު މަހުގެ 16ވަނަ ދުވަހު މުޙްޔިއްދީން އިސްތިޢުފާދެއްވާފައިވަނީ މެލޭޝިޔާގައި ކޯވިޑް-19ގެ ޙާލަތު ގޯސްވެ އެ ޤައުމަށް އިޤްތިޞާދީ ދަތިތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތު އޭނާއަށް ގެއްލުމުންނެވެ.

މެލޭޝިޔާގެ ބޮޑުވަޒީރުގެ މަޤާމަށް އިސްމާޢީލް ޞަބްރީ ޢައްޔަންކުރުމުން އެ ޤައުމުގައި އަނެއްކާވެސް އުފެދޭނީ ޔުނައިޓަޑު މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން، ޔޫއެމުއެންއޯގެ ވެރިކަމެކެވެ. 1957ވަނަ އަހަރުން ފެށިގެން އެ ޕާޓީން ކުރަމުންދިޔަ ވެރިކަން ބަދަލުވެފައިވަނީ 2018ވަނަ އަހަރު އެ ޤައުމުގައި ބޭއްވި ޢާންމު އިންތިޚާބު ކުރައްވައި މަޙާތިރު މުޙައްމަދު ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގަތުމުންނެވެ. ނަމަވެސް 2020ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި އުފެދުނު ސިޔާސީ ދެބަސްވުންތަކުގެ ސަބަބުން މަޙާތިރު އިސްތިޢުފާދެއްވުމުން ޔޫއެމުއެންއޯއިންވަނީ މުޙްޔިއްދީން އެކުލަވާލެއްވި ސަރުކާރުގައި ބައިވެރިވެފައެވެ. އެ ޕާޓީން ސަރުކާރުން ވަކިވެފައިވަނީ 2021ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެއާއެކު މުޙްޔިއްދީންނަށް ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތު ގެއްލުނެވެ.

މެލޭޝިޔާގެ ބޮޑުވަޒީރުގެ މަޤާމަށް އިސްމާޢީލް ޞަބްރީ ޢައްޔަންކުރުމަށް މުޙްޔިއްދީންގެ ޕާޓީންވެސްވަނީ ތާޢީދުކޮށްފައެވެ. ކޯވިޑް-19ގެ ޙާލަތު ރަނގަޅުވެ މެލޭޝިޔާގައި އައު ޢާންމު އިންތިޚާބެއް ބޭއްވެންދެން އިސްމާޢީލް ޞަބްރީ ތާޢީދުކުރަން މުޙްޔިއްދީންގެ ޕާޓީން ކުރިމަތިކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި ޚިޔާނާތުގެ ތުޙްމަތުކުރެވޭ އެއްވެސް މީހަކު ވަޒީރުންގެ މަޖިލީހުގައި ނުހިމެނުން ހިމެނެއެވެ. މުޙްޔިއްދީންގެ ސަރުކާރުންވަނީ ޔޫއެމުއެންއޯގެ އިސް މެންބަރުންނަށް ޚިޔާނާތުގެ ބޮޑެތި ތުޙްމަތުތަކެއް ކޮށްފައެވެ. މުޙްޔިއްދީންގެ ސަރުކާރުން ޔޫއެމުއެންއޯ ވަކިވި މައިގަނޑު ސަބަބަކީވެސް އެ ޕާޓީގެ އިސް މެންބަރުންނާ ދެކޮޅަށް ޚިޔާނާތުގެ ދަޢުވާކުރުމެވެ.