ޚަބަރު

އަފްޣާނިސްތާނުގެ 5،000 މީހުންނަށް އިނގިރޭސިވިލާތުގެ ރައްކާތެރިކަން


އަފްޣާނިސްތާނުގެ 5،000 ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުން މަސައްކަތް ފަށައިފިއެވެ.

20 އަހަރުދުވަހަށްފަހު އެމެރިކާއާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ ފައުޖުތައް އަފްޣާނިސްތާނުގެ ފައިބަމުންދާ ދަނޑިވަޅެއްގައި ޠާލިބާނުންވަނީ މުޅި ޤައުމު އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އެއާއެކު އެތައް ހާސް މީހުންނެއްވަނީ އަސްކަރީ މަތިންދާބޯޓުތަކުގައި އަފްޣާނިސްތާން ދޫކޮށް ދާން ފަށައިފައެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ލޭއޮހޮރުވުމަކައި ނުލައި ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާން ގެނައުމުން އެ ޤައުމުގެ ރައީސް އަޝްރަފް ޣަނީވަނީ ޤައުމު ދޫކުރައްވައި ވަޑައިގެންފައެވެ. އޭގެ ފަހުން ޠާލިބާނުންވަނީ އަފްޣާނިސްތާނުގެ އަމީރުގެ މަޤާމަށް މުއްލާ ޢަބްދުލް ޣަނީ ބަރާދަރު ޢައްޔަންކޮށްފައެވެ.

ހުޅަނގުގެ ޤައުމުތަކުންވަނީ ނޭޓޯގެ ފައުޖުތަކަށް އެކި ގޮތްގޮތުން އެހީތެރިވެފައިވާ އަފްޣާނިސްތާނުގެ އެތައް ހާސް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ދެނެގަތުމުގެ މަސައްކަތް ފަށައިފައެވެ. އެ ގޮތުން އިނގިރޭސިވިލާތުގެ ސަރުކާރުން އިޢުލާންކޮށްފައިވާ މަޝްރޫޢުގެ ދަށުން އަފްޣާނިސްތާނުގެ 5،000 މީހުންނަށް ޙިމާޔަތް ދިނުމަށްވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި އެކި ގޮތްގޮތަށް އިނގިރޭސިވިލާތަށް އެހީތެރިކަން ފޯރުކޮށްދީފައިވާ އަފްޣާނިސްތާނުގެ ރައްޔިތުންނާއި އަންހެނުންނާއި ކުޑަކުދިންނާއި އެހެން ދީންތަކުގެ މީހުންނާއި ބައިމަދު ނަޞްލުތަކުގެ މީހުން ހިމެނޭނެކަމަށް އިނގިރޭސިވިލާތުން ބުނެފައިވެއެވެ.

އިނގިރޭސިވިލާތުގެ ދާޚިލީ ވަޒީރު ޕުރީޓީ ޕަޓޭލް ވިދާޅުވީ އެ ޤައުމުގެ ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ސަބަބުން އަފްޣާނިސްތާނުގެ އެތައް ހާސް ރައްޔިތުންގެ ފުރާނަ ސަލާމަތްކުރެވޭނެކަމަށެވެ. އަދި އިނގިރޭސިވިލާތުން އިސްކަން ދެނީ ގިނަ ޢަދަދެއްގެ ބަޔަކަށް އެ ޤައުމުގައި ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ މަގުފަހިކުރުންކަމަށްވެސް ޕަޓޭލް ފާހަގަކުރެއްވިއެވެ. އޭނާވަނީ އެހެން ޤައުމުތަކުންވެސް އެފަދަ މަޝްރޫޢުތައް ފެށުމަށް ބާރުއަޅުއްވައި ވާހަކަދައްކަވައިފައެވެ. ނަމަވެސް އޮސްޓުރޭލިޔާއާއި ތުރުކީވިލާތާއި ޖަރުމަންވިލާތްފަދަ ޤައުމުތަކުންވަނީ އަފްޣާނިސްތާނުގެ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރިކަމަށް ބުނެފައެވެ.

އަފްޣާނިސްތާނުން ހިޖުރަކުރަން ބޭނުންވާ މީހުންނަށް އެމެރިކާގައި ވަޒަންވެރިވުމަށް މަގުފަހިވާ ޚާއްޞަ މަޝްރޫޢެއް އެމެރިކާގެ ޚާރިޖީ ވުޒާރާއިންވަނީ އިފްތިތާޙްކޮށްފައެވެ. އެ މަޝްރޫޢުގެ ދަށުން އެމެރިކާގައި ވަޒަންވެރިވާން ބޭނުންވާ އަފްޣާނިސްތާނުގެ ރައްޔިތުން އެހެން ޤައުމަކަށް ޙިޖުރަކޮށް އެ ޤައުމުތަކުގައި 12 ނުވަތަ 14 މަސްދުވަހު ދިރިއުޅުމަށްފަހު އެމެރިކާގައި ވަޒަންވެރިވުމަށް އެދެވޭނެއެވެ. އެ ގޮތުން ކަނޑައެޅިފައިވާ މުއްދަތު ފުރިހަމަކުރުމަށް އަފްޣާނިސްތާނުގެ އަވަށްޓެރި ޤައުމުތަކުން ޙިޖުރަވެރިން ބަލައިގަތުމަށް އެމެރިކާއިންވަނީ ބާރުއަޅައިފައެވެ.

އެމެރިކާގެ ސަރުކާރުގެ އެދުމުގެ މަތިން އަފްޣާނިސްތާނުގެ 2،000 ރައްޔިތުންނަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށް ޔުގާންޑާއިންވަނީ ބުނެފައެވެ. އަދި ވިލާތުގެ ޤައުމުތައްކަމަށްވާ އަލްބޭނިޔާއާއި ކޮސޯވޯއިންވެސްވަނީ އެމެރިކާގެ އެދުމުގެ މަތިން އަފްޣާނިސްތާނުގެ ރައްޔިތުންނަށް އެހީތެރިވެ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފައެވެ. އޭގެ އިތުރުން އަފްޣާނިސްތާނުން ޙިޖުރަކުރާ މީހުންނަށް އެ ޤައުމާ އިންވެގެން އޮންނަ ތަޖިކިސްތާނާއި އުޒުބަކިސްތާނާއި ތުރުކުމަނިސްތާނުން ޙިމާޔަތާއި ރައްކާތެރިކަން ދެވޭނެ ގޮތްތަކާމެދުވެސް އެމެރިކާއިންވަނީ މަޝްވަރާކޮށްފައެވެ.