ޚަބަރު

އަސްކަރީ މަތިންދާބޯޓުތަކުގައި އެތައް ހާސް މީހުންނެއް އަފްޣާނިސްތާނުން ބޭރަށް


އަސްކަރީ މަތިންދާބޯޓުތަކުގައި އެތައް ހާސް މީހުންނެއް އަފްޣާނިސްތާން ދޫކޮށް ރައްކާތެރި ޤައުމުތަކަށް ދަތުރުކުރަން ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 2،200އަށްވުރެ ގިނަ މީހުންވަނީ އަފްޣާނިސްތާން ދޫކޮށް ގޮސްފައެވެ. އޭގެ ތެރޭގައި އަފްޣާނިސްތާނުގައި ޤާއިމުކޮށްފައިވާ އެންބަސީތަކުގައި މަސައްކަތްކުރާ މީހުންނާއި ސަލާމަތީ މުވައްޒަފުންނާއި އަފްޣާނިސްތާނުގައި ތިބި އެ ނޫންވެސް ބޭރު ޤައުމުތަކުގެ މީހުންނާއި އެ މީހުންގެ ޢާއިލާތައް ހިމެނެއެވެ. އޭގެ އިތުރުން އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ބޭރުގެ ފައުޖުތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ އަފްޣާނިސްތާނުގެ ރައްޔިތުންގެ ގިނަ ޢަދަދެއްގެ ބަޔަކުވެސްވަނީ ޤައުމު ދޫކޮށް ގޮސްފައެވެ. އަފްޣާނިސްތާން ދޫކޮށް ދާން ބޭނުންވާ މީހުން އެ ޤައުމުން ބޭރަށް ގެންދިޔުމުގެ މަސައްކަތް ނިންމާލެވޭނީ ދެ ހަފުތާގެ ތެރޭގައިކަމަށް ބެލެވެއެވެ.

20 އަހަރުދުވަހަށްފަހު އެމެރިކާއާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ ފައުޖުތައް އަފްޣާނިސްތާނުގެ ފައިބަމުންދާ ދަނޑިވަޅެއްގައި ޠާލިބާނުންވަނީ މުޅި ޤައުމު އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ލޭއޮހޮރުވުމަކައި ނުލައި ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާން ގެނައުމުން އެ ޤައުމުގެ ރައީސް އަޝްރަފް ޣަނީވަނީ ޤައުމު ދޫކުރައްވައި ވަޑައިގެންފައެވެ. އެއާއެކު ޠާލިބާނުންވަނީ އަފްޣާނިސްތާނުގެ އަމީރުގެ މަޤާމަށް މުއްލާ ޢަބްދުލް ޣަނީ ބަރާދަރު ޢައްޔަންކޮށްފައެވެ.

1996ވަނަ އަހަރުން ފެށިގެން އަފްޣާނިސްތާނުގައި އޮތް ޠާލިބާނުންގެ ވެރިކަން ނިމުމަކަށް އައިސްފައިވަނީ 2001ވަނަ އަހަރުގެ ސެޕުޓެންބަރު މަހުގެ 11ވަނަ ދުވަހު އެމެރިކާއަށް ދިން ޙަމަލާއާ ގުޅިގެން އެމެރިކާއާއި ނޭޓޯގެ ފައުޖުތައް އަފްޣާނިސްތާން އިސްތިޢުމާރުކުރުމުންނެވެ.