ޚަބަރު

މެލޭޝިޔާގެ ބޮޑުވަޒީރު ޢައްޔަންކުރަނީ ވޯޓަކުން، ތާޢީދު އޮތްކަން ސާބިތުކޮށްދޭން ޖެހޭނެ


މެލޭޝިޔާގެ ބޮޑުވަޒީރުގެ މަޤާމަށް ވަޑައިގަންނަވައި ބޭފުޅަކަށް ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތު އޮތްކަން ސާބިތުކޮށްދޭން ޖެހިވަޑައިގަންނަވާނެކަމަށް އެ ޤައުމުގެ ރަސްގެފާނު ވިދާޅުވެއްޖެއެވެ.

މެލޭޝިޔާގެ ރަސްގެފާނު ޢަބްދުﷲގެ ރަސްމީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެލޭޝިޔާގެ ބޮޑުވަޒީރުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރުމުގެ މަރުޙަލާ އަވަސްކުރަން ބޭނުންވާކަމަށެވެ. ނަމަވެސް ބޮޑުވަޒީރުގެ މަޤާމަށް ޢައްޔަންކުރާ ބޭފުޅަކީ ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތު އޮންނަ ބޭފުޅެއްކަން ސާބިތުކޮށްދޭން ޖެހިވަޑައިގަންނަވާނެކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެ ގޮތުން ބޮޑުވަޒީރުގެ މަޤާމަށް ޢައްޔަންކުރާ ބޭފުޅަކަށް އިތުބާރު އޮތްކަން ޔަޤީންކުރުމަށް ޤާނޫނުހަދާ މަޖިލީހުގެ ވޯޓެއް ނަގަން ޖެހޭނެކަމަށް ރަސްގެފާނުންގެ ރަސްމީ ގަނޑުވަރުން ބުނެފައިވެއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި މުޙްޔިއްދީން ޔާސީން އިސްތިޢުފާދެއްވާފައިވަނީ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތު އޭނާއަށް ގެއްލުމުންނެވެ. މެލޭޝިޔާގެ ރަސްގެފާނުވަނީ މުޙްޔިއްދީންގެ އިސްތިޢުފާ ޤަބޫލުކުރައްވައި ބޮޑުވަޒީރުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެވެންދެން ވަޤުތީގޮތުން އެ މަޤާމުގައި ހުންނެވުމަށް އެދިވަޑައިގެންފައެވެ.

މެލޭޝިޔާގެ ބޮޑުވަޒީރުގެ މަޤާމުން މުޙްޔިއްދީން އިސްތިޢުފާދެއްވި ނަމަވެސް އެ މަޤާމަށް ދެން ވަޑައިގަންނަވާނެ ބޭފުޅެއް ސާފެއް ނުވެއެވެ. މުޙްޔިއްދީން އިސްރިޢުފާދެއްވުމުން މެލޭޝިޔާގެ ސިޔާސީ ކުރިމަގާ ގުޅޭގޮތުން ޢަބްދުﷲ ރަސްގެފާންވަނީ އެ ޤައުމުގެ ސިޔާސީ ޕާޓީތަކުގެ އެންމެ އިސްވެރިންނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ޢަބްދުﷲ ރަސްގެފާންވަނީ މެލޭޝިޔާގެ ކޯވިޑް-19 ޙާލަތު ގޯސްވުމުގެ ސަބަބުން އެ ޤައުމުގައި ޢާންމު އިންތިޚާބެއް ނުބާއްވަވާނެކަމަށް ވިދާޅުވެ ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތު ލިބިވަޑައިގަންނަވާ ބޭފުޅަކު ބޮޑުވަޒީރުގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.

ޢާންމު އިންތިޚާބެއް ނުބާއްވައި މެލޭޝިޔާގެ ބޮޑުވަޒީރުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރުމުގެ މަސައްކަތް ފަށާފައިވަނީ އެ ޤައުމުގެ ވަކި ޕާޓީއަކަށް ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތު ނެތް ދަނޑިވަޅެއްގައެވެ.