ޚަބަރު

އަންހެނުންގެ ޙައްޤުތައް ކަށަވަރުކޮށް ސަރުކާރުގައި ބައިވެރިކުރާނަން: ޠާލިބާން


ބަދަލުހިފުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށާއި ބޭނުންވަނީ އަފްޣާނިސްތާނުގައި ޞުލްޙަވެރިކަމާއެކު އިސްލާމީ ވެރިކަމެއް ކުރުމަށްކަމަށް ޠާލިބާން ޖަމާޢަތުން ބުނެފިއެވެ.

އަފްޣާނިސްތާނުގެ ވެރިކަމަށް ދެވަނަ ފަހަރަށް އައުމަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ޠާލިބާނުންގެ ތަރުޖަމާނު ޒަބީޙުﷲ މުޖާޙިދު ވިދާޅުވީ ޤައުމުގެ އެތެރެއިންނާއި ޤައުމުގެ ބާރުން އެއްވެސް ޢަދާވާތްތެރިންނެއް ނުވަތަ ދުޝްމަނުންނެއް އެ ޖަމާޢަތުން ބޭނުންނުވާކަމަށެވެ އަދި ޠާލިބާނުން ބޭނުންވަނީ އެހެން ޤައުމުތަކާ ގާތްގުޅުމެއް ބޭއްވުމަށްކަމަށެވެ.

އަންހެނުންގެ ޙައްޤުތަކާ ގުޅޭގޮތުން ޒަބީޙުﷲ ވިދާޅުވީ ޠާލިބާނުންގެ ވެރިކަމެއްގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް ކަށަވަރުކުރާނެކަމަށެވެ. އަދި ޠާލިބާނުން އެކުލަވާލައި ސަރުކާރުގައި ބައިވެރިވުމަށް އަންހެނުންނަށް ބާރުއަޅާކަމަށެވެ. އޭގެ އިތުރުން އަންހެނުންނަށް ވަޒީފާއަށް ދިޔުމުގެ ފުރުޞަތު އޮންނާނެކަމަށާއި އެ މީހުންނަށް މަދަރުސާތަކަށް ދިޔުމުގެ ފުރުޞަތު އޮންނާނެކަމަށް ޒަބީޙުﷲ ވިދާޅުވިއެވެ. އަދި ޠާލިބާނުން އެނބުރި ވެރިކަމަށް އައުމަށްފަހު އަންހެނުން ކިޔަވައި އެއްވެސް މަދަރުސާއެއް ބަންދުކޮށްފައި ނުވާނެކަމަށާއި އިސްލާމީ ޙުދޫދުގެ ތެރެއިން އެ މީހުންނަށް މިނިވަންކަމާއެކު ދިރިއުޅެވޭނެކަމުގެ ޔަޤީންކަން އެ ޖަމާޢަތުން ދޭނެކަމަށްވެސް ޒަބީޙުﷲ ވިދާޅުވިއެވެ.

20 އަހަރުދުވަހަށްފަހު އަފްޣާނިސްތާނުގެ ވެރިކަމަށް ޠާލިބާނުން އައުމުން ބައިނަލްއަޤްވާމީ މުޖުތަމަޢުން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފައިވަނީ އެ ޤައުމުގެ އަންހެނުންގެ ޙައްޤުތައް ގެއްލިދާނެކަމުގެ ބިރުވެރިކަން ބޮޑުވެފައިވާކަމަށް ބުނެއެވެ. އަދި އދންވަނީ އަފްޣާނިސްތާނުގެ އަންހެނުންނާއި އަންހެން ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މުޙިންމުަކަމެއް ދިނުމަށް ޠާލިބާނުންނަށް ގޮވާލައިފައެވެ. އޭގެ އިތުރުން އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމުޢިއްޔާތަކުންވަނީ ޠާލިބާނުން މީގެ ކުރިން އަފްޣާނިސްތާނުގައި ވެރިކަންކުރި ދުވަސްވަރުގައި އެ ޖަމާޢަތުން އަންހެނުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތައް ފާހަގަކޮށް ކަނބޮޑުވުންފާޅުކޮށްފައެވެ. އެ ގޮތުން ތަޢުލީމު އުނގެނުމާއި ވަޒިފާ އަދާކުރުމުގެ ޙައްޤުން އަންހެނުން މަޙްރޫމުކޮށްފައިވާކަން ޖަމުޢިއްޔާތަކުންވަނީ ފާހަގަކޮށްފައެވެ.

ޠާލިބާނުން އުފެދިފައިވަނީ 1980ގެ އަހަރުތަކުގެ ތެރޭގައި އަފްޣާނިސްތާން އިސްތިޢުމާރުކުރުމަށް ރަޝިޔާއިން ކުރި މަސައްކަތްތަކާ ދެކޮޅަށް ޙަރަކާތްތެރިވި މުޖާހިދީންގެ ތެރެއިންނެވެ. 1996ވަނަ އަހަރުން ފެށިގެން އަފްޣާނިސްތާނުގައި އޮތް ޠާލިބާނުންގެ ވެރިކަން ނިމުމަކަށް އައިސްފައިވަނީ 2001ވަނަ އަހަރުގެ ސެޕުޓެންބަރު މަހުގެ 11ވަނަ ދުވަހު އެމެރިކާއަށް ދިން ޙަމަލާއާ ގުޅިގެން އެމެރިކާއާއި ނޭޓޯގެ ފައުޖުތައް އަފްޣާނިސްތާން އިސްތިޢުމާރުކުރުމުންނެވެ.