ޚަބަރު

ތ.އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ތިމަރަފުށްޓަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިރޭ ތިމަރަފުށްޓަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތިމަރަފުށްޓަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، މުއައްސަސާތަކުގެ ވެރިންނާއި ރަށުގެ ރައްޔިތުންނެވެ. ރައީސުލްޖުމްހޫރިއްޔާ ތިމަރަފުއްޓަށް ކުރައްވާ ދަތުރުފުޅުގައި މިރޭ ތިމަރަފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅުގައި، ކޮޅުމަޑުލުގެ ހަތް ރަށަކަށް ޒިޔާރަތްކުރެއްވުމަށްވަނީ ހަމަޖެހިފައިވެއެވެ. އަދި، މި ރަށްރަށަށް ކުރައްވާ ޒިޔާރަތްތަކުގައި އެމަނިކުފާނު އެރަށްރަށުގެ ބައެއް ތަންތަނަށް ޒިޔާރަތްކޮށް އެތަންތަނުގެ ޙާލަތު ބައްލަވާލައްވައި، ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން، މަސްވެރިންނާއި، ދަނޑުވެރިންނާއި، ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެ އަތޮޅު އޮމަދޫ ބަނދަރު ހުޅުއްވައިދެއްވައި، އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ތިމަރަފުށްޓަށްފަހު ކިނބިދޫއަށާއި، އޮމަދޫއަށާއި، ވޭމަންޑޫއަށް ވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ވެސް، ވަންދޫއަށާއި، ކަނޑޫދޫއަށާއި، ގާދިއްފުށްޓަށް އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރެޔެވެ.