ޚަބަރު

އަފްޣާނިސްތާނުގައި އަމާންކަން ޤާއިމުކުރުމުން ރަޝިޔާގެ ތަޢުރީފު ޠާލިބާނުންނަށް


އަފްޣާނިސްތާނުގައި ހަމަޖެހުމާއި އަމަންއަމާން ޤާއިމުކޮށްފައިވާކަމަށް ބުނެ ރަޝިޔާއިން ޠާލިބާން ޖަމާޢަތަށް ތަޢުރީފުކޮށްފިއެވެ.

20 އަހަރުދުވަހަށްފަހު އެމެރިކާއާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ ފައުޖުތައް އަފްޣާނިސްތާނުގެ ފައިބަމުންދާ ދަނޑިވަޅެއްގައި ޠާލިބާނުންވަނީ މުޅި ޤައުމު އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ލޭއޮހޮރުވުމަކައި ނުލައި ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާން ގެނައުމުން އެ ޤައުމުގެ ރައީސް އަޝްރަފް ޣަނީވަނީ ޤައުމު ދޫކުރައްވައި ވަޑައިގެންފައެވެ. އެއާއެކު ޠާލިބާނުންވަނީ އަފްޣާނިސްތާނުގެ އަމީރުގެ މަޤާމަށް މުއްލާ ޢަބްދުލް ޣަނީ ބަރާދަރު ޢައްޔަންކޮށްފައެވެ.

ރަޝިޔާއިން އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ ސަފީރު ދިމިތުރީ ޒިރުނޯފު ވިދާޅުވީ އަފްޣާނިސްތާނުގެ ވެރިކަމަށް ދެވަނަ ފަހަރަށް ޠާލިބާނުން އައުމަށްފަހު އެ ޤައުމުގައި ހަމަޖެހުމާއި އަމަންއަމާންކަން އެ ޖަމާޢަތުން ޤާއިމުކޮށްފައިވާކަމަށެވެ. އަދި އެއީ ޣަނީގެ ވެރިކަމުގައި އަފްޣާނިސްތާނުން ނުފެންނަ މަންޒަރުތަކެއްކަމަށްވެސް ޒިރުނޯފު ވިދާޅުވިއެވެ. ޠާލިބާނުންގެ ވެރިކަމުގެ ފުރަތަމަ ދުވަސްތަކުގެ ތެރޭގައި އެ ޖަމާޢަތުން ޢަމަލުކުރަނީ ވަރަށް އެކަށީގެންވާ ސިޔާސަތުތަކެއްގެ މައްޗަށްކަމަށް ވިދާޅުވަމުން ޒިރުނޯފު ވިދާޅުވީ އަފްޣާނިސްތާނުގެ ޙާލަތު ޢާންމު ޙާލަތަކަށް ރުޖޫޢަވެފައިވާކަމަށެވެ. އެ ގޮތުން އިދާރާތަކާއި ވިޔާފާރިތަކާއި ހަސްފަތާލުތަކާއި މަދަރުސާތައް ހުޅުވައިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި އަންހެން ކުދިން ކިޔަވައި މަދަރުސާތައްވެސް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ކުރު މުއްދަތެއްގެ ތެރޭގައި އަފްޣާނިސްތާނުގައި ޠާލިބާނުން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކުގެ ސަބަބުން ރަޝިޔާއިންވަނީ ހައިރާންކަން ފާޅުކޮށްފައެވެ. ސިޔާސީ ތަޖުރިބާކާރުން ބުނާ ގޮތުގައި އަފްޣާނިސްތާނުގެ ވެރިކަމަށް ދެވަނަ ފަހަރަށް ޠާލިބާނުން އައުމުން ރަޝިޔާއިން އެ ޖަމާޢަތާއެކު ގުޅުންތައް ބަދަހިކުރުމަށް ބޭނުންވާކަން ޒިރުނޯފުގެ ވާހަކަތަކުން ހާމަވާކަމަށެވެ. ނަމަވެސް މީގެ ކުރިން ރަޝިޔާއިންވަނީ ޠާލިބާނުންނަކީ ނިރުބުވެރި ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. އަދި ޠާލިބާނުންގެ ވެރިކަން ބަލައިގަތްކަން ރަޝިޔާއިން ބުނެފައިއެއް ނުވެއެވެ.

ޠާލިބާނުން އުފެދިފައިވަނީ 1980ގެ އަހަރުތަކުގެ ތެރޭގައި އަފްޣާނިސްތާން އިސްތިޢުމާރުކުރުމަށް ރަޝިޔާއިން ކުރި މަސައްކަތްތަކާ ދެކޮޅަށް ޙަރަކާތްތެރިވި މުޖާހިދީންގެ ތެރެއިންނެވެ. 1996ވަނަ އަހަރުން ފެށިގެން އަފްޣާނިސްތާނުގައި އޮތް ޠާލިބާނުންގެ ވެރިކަން ނިމުމަކަށް އައިސްފައިވަނީ 2001ވަނަ އަހަރުގެ ސެޕުޓެންބަރު މަހުގެ 11ވަނަ ދުވަހު އެމެރިކާއަށް ދިން ޙަމަލާއާ ގުޅިގެން އެމެރިކާއާއި ނޭޓޯގެ ފައުޖުތައް އަފްޣާނިސްތާން އިސްތިޢުމާރުކުރުމުންނެވެ.