ޚަބަރު

ކާބުލްގެ ވައިގެ ބަނދަރާ ހަވާލުވާން ތުރުކީވިލާތުން މިހާރު ބޭނުމެއް ނުވޭ


އަފްޣާނިސްތާނުގެ ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރާ ޙަވާލުވުމަށް ތުރުކީވިލާތުން ކުރަމުންދިޔަ މަސައްކަތްތައް ހުއްޓާލައިފިއެވެ.

ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގައި ޙަރަކާތްތެރިވަމުންދިޔަ ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ ފައުޖުތަކާއެކު ތުރުކީވިލާތުންވަނީ އެތައް ސަތޭކަ ސިފައިންނެއް އަފްޣާނިސްތާނަށް ފޮނުވައިފައެވެ. ނަމަވެސް ނޭޓޯއިން ނިންމާފައިވަނީ އެމެރިކާގެ ސިފައިންނާއެކު އެ އިއްތިޙާދުގެ ސިފައިންވެސް އަފްޣާނިސްތާނުން ފޭބުމަށެވެ. އެ ގޮތުން ނޭޓޯގެ ފައުޖުތަކުގައި ހިމެނޭ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަންވިލާތާއި އިޓަލީވިލާތުގެ ސިފައިންވަނީ އަފްޣާނިސްތާނުން ފައިބައިފައެވެ. ނަމަވެސް ތުރުކީވިލާތުންވަނީ އެ ޤައުމުގެ ސިފައިން އަފްޣާނިސްތާނުގައި ބޭތިއްބުމަށް ބޭނުންވާކަމަށް ބުނެފައެވެ.

އަފްޣާނިސްތާނުގެ ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރާ ޙަވާލުވުމާ ގުޅޭގޮތުން ތުރުކީވިލާތުންވަނީ އެމެރިކާއާއި އަފްޣާނިސްތާނުގެ ސަރުކާރާ ގިނަ މަޝްވަރާތަކެއް ކޮށްފައެވެ. ނަމަވެސް އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ޤައުމު ދޫކޮށް ވަޑައިގަތުމުން ތުރުކީވިލާތުން ކުރަމުންދިޔަ މަސައްކަތްތައްވަނީ ހުއްޓިފައެވެ. އެ ގޮތުން ތުރުކީވިލާތުން ބުނެފައިވަނީ ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރާ ޙަވާލުވާނީ އަފްޣާނިސްތާނުގައި މިހާރު ވެރިކަންކުރާ ޠާލިބާން ޖަމާޢަތުން އެދުމުންކަމަށެވެ. ނަމަވެސް ޠާލިބާނުން ބުނެފައިވަނީ އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ތުރުކީވިލާތުގެ 600 ސިފައިން ހިމެނެނީ ނޭޓޯގެ ފައުޖުތަކުގެ ތެރޭގައިކަމަށެވެ. އެހެންކަމުން ތުރުކީވިލާތުގެ ސިފައިން އަފްޣާނިސްތާނުގައި ޙަރަކާތްތެރިވުމަށް ފުރުޞަތު ނުދޭނެކަމަށް ޠާލިބާނުންވަނީ ބުނެފައެވެ.

ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކީ މިހާރު ވައިގެ މަގުން އަފްޣާނިސްތާނަށް ދެވެން އޮންނަ ހަމައެކަނި މަގެވެ. އެހެންކަމުން ޠާލިބާނުންގެ ވެރިކަމާ ދެކޮޅު އެތައް ހާސް ޢާންމުންނެއްވަނީ އަފްޣާނިސްތާން ދޫކޮށް ދިޔުމަށް އެ ވައިގެ ބަނދަރަށް ޖަމާވެފައެވެ. އަދި އޭގެ ތެރެއިން އެތައް ސަތޭކަ މީހުންނެއްވަނީ ގަދަކަމުން މަތިންދާބޯޓުތަކަށް އަރަންވެސް މަސައްކަތްކޮށްފައިވެއެވެ. އެމެރިކާއާއި ވިލާތުގެ ގިނަ ޤައުމުތަކުން ދަނީ އަފްޣާނިސްތާނުގައި ތިބި އެ ޤައުމުތަކުގެ ޚާރިޖީ މުވައްޒަފުންނާއި ރައްޔިތުން އެ ޤައުމުން ސަލާމަތުން ގެންދިޔުމުގެ މަސައްކަތްކުރަމުންނެވެ. އެ ގޮތުން އެމެރިކާއިން ބުނެފައިވަނީ ކުރިޔަށް އޮތް ދެ ހަފުތާގެ ތެރޭގައި އަފްޣާނިސްތާނުން 22،000 މީހުން ގެންދާނެކަމަށެވެ. އޭގެ ތެރޭގައި އެމެރިކާއިން ޙިމާޔަތް ދޭން ބޭނުންވާ އަފްޣާނިސްތާނުގެ އެތައް ހާސް ރައްޔިތުންނެއް ހިމެނެއެވެ.