ޚަބަރު

ބޮޑުވަޒީރެއް ޢައްޔަންކުރުމުގެ މަސައްކަތް މެލޭޝިޔާއިން ފަށައިފި، އިންތިޚާބެއް ނުބާއްވާނެ


މެލޭޝިޔާގެ ބޮޑުވަޒީރުގެ މަޤާމަށް ޢައްޔަންކުރަން ފެންނަ ބޭފުޅެއްގެ ނަން ލިޔުމުން އެންގުމަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ ކިބައިން މަޖިލީހުގެ ރައީސް އަޒުހާރު އަޒިޒާން ޙާރޫން އެދިވަޑައިގެންފިއެވެ.

އޮގަސްޓު މަހުގެ 16ވަނަ ދުވަހު މެލޭޝިޔާގެ ބޮޑުވަޒީރުގެ މަޤާމުން މުޙްޔިއްދީން ޔާސީން އިސްތިޢުފާދެއްވާފައިވަނީ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތު އޭނާއަށް ގެއްލުމުންނެވެ. މެލޭޝިޔާގެ ރަސްގެފާން ޢަބްދުﷲވަނީ މުޙްޔިއްދީންގެ އިސްތިޢުފާ ޤަބޫލުކުރައްވައި ބޮޑުވަޒީރުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެވެންދެން ވަޤުތީގޮތުން އެ މަޤާމުގައި ހުންނެވުމަށް އެދިވަޑައިގެންފައެވެ.

މެލޭޝިޔާގެ ބޮޑުވަޒީރުގެ މަޤާމުން މުޙްޔިއްދީން އިސްތިޢުފާދެއްވި ނަމަވެސް އެ މަޤާމަށް ދެން ވަޑައިގަންނަވާނެ ބޭފުޅެއް ސާފެއް ނުވެއެވެ. މުޙްޔިއްދީން އިސްރިޢުފާދެއްވުމުން މެލޭޝިޔާގެ ސިޔާސީ ކުރިމަގާ ގުޅޭގޮތުން ޢަބްދުﷲ ރަސްގެފާންވަނީ އެ ޤައުމުގެ ސިޔާސީ ޕާޓީތަކުގެ އެންމެ އިސްވެރިންނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ޢަބްދުﷲ ރަސްގެފާންވަނީ މެލޭޝިޔާގެ ކޯވިޑް-19 ޙާލަތު ގޯސްވުމުގެ ސަބަބުން އެ ޤައުމުގައި ޢާންމު އިންތިޚާބެއް ނުބާއްވަވާނެކަމަށް ވިދާޅުވެ ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތު ލިބިވަޑައިގަންނަވާ ބޭފުޅަކު ބޮޑުވަޒީރުގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ. އެއާއެކު މެލޭޝިޔާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސްވަނީ ބޮޑުވަޒީރުގެ މަޤާމަށް ޢައްޔަންކުރަން ފެންނަ ބޭފުޅެއްގެ ނަން ލިޔުމުން އެންގުމަށް މަޖިލީހުގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ޢާންމު އިންތިޚާބެއް ނުބާއްވައި މެލޭޝިޔާގެ ބޮޑުވަޒީރުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރުމުގެ މަސައްކަތްކުރަމުންދަނީ އެ ޤައުމުގެ ވަކި ޕާޓީއަކަށް ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތު ނެތް ދަނޑިވަޅެއްގައެވެ.