ޚަބަރު

ކުޅިބެލުންތެރިންނާއި ނުލާ ޓޯކިޔޯ ޕެރަލިމްޕިކްސް ކުރިއަށް ގެންދަން ނިންމައިފި


ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި ކޮރޯނާ ވައިރަހުގެ ކަންތައްތައް ހުރިގޮތުން މިމަހު ފެށުމަށް ހަމަޖެހިފައިވާ ޕެރަލިމްޕިކް ކުޅިވަރު މުބާރާތް ކުޅިބެލުންތެރިންނާއި ނުލާ ކުރިއަށް ދެންދަން ނިންމައިފިއެވެ. ކޮރޯނާ ވައިރަސް ފެތުރުން އިތުރު ވެފައިވުމުގެ ސަބަބުން ޖަޕާނުންވަނީ ސްޓޭޓް އޮފް އެމެޖެންސީ އިތުރު ކޮށްފައެވެ.

ޓޯކިޔޯގެ އިތުރުން ސައިޓާމާ، ޗީބާ އަދި ޝިޒުއޯކާގައި މިމަހުގެ 24 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޕެރަލިމްޕިކްސްއަށް އަސަރު ކުރާނެތީ އެކަމަށް ޖަޕާން ސަރުކާރުންވަނީ މައާފަށްވެސް އެދިފައެވެ. ނަމަވެސް މިހާރުގެ ހާލަތުގެ ސަބަބުން ކުޅިބެލުންތެރިންނަށް ދަނޑުތަކަށް ވަނުމުގެ ފުރުސަތު ނުދެވޭނެކަމަށް ވަނީ އަންގާފައެވެ. އަދި މަގުމަތީ ބައްވާ އިވެންޓްތަކަށްވެސް މީހުން އެއްނުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ގޮވާލާފައެވެ. އާންމުންނަށް ކުޅިބަލަން ނުވަދެވޭގޮތަށް އޮތް ނަމަވެސް މިފަހަރުގެ މުބާރާތުގެ އިވެންޓްތަށް ބަލާލުމަށް ސްކޫލްކުދިންނަށް ވަނުމުގެ ފުރުސަތު ދޭނެކަމަށްވަނީ އެނގިފައެވެ.

މުބާރާތް އިންތިޒާމް ކުރާ ފަރާތުން އާންމުކުރި ބަޔާނެއްގައި ވާގޮތުން މުބާރާތުގެ އެކި އިވެންޓްތައް ބަލާލުމަށްޓަކައި ޓިކެޓް ނަގާފައިވާ ފަރާތްތަކުގެ ކިބައިން މައާފަށް އެދިފައެވެ. އަދި މިފިޔަވަޅު އަޅަން މަޖުބޫރުވީ ކަމަށާއި މިކަން މިހެން ކުރުނު ސަބަބުން ހުރިހާ ފަރާތްތަކަށްވެސް ގަބޫލް ކުރެވޭނެކަމަށް އުންމީދު ކުރާކަމަސްވެސް ހާމަކޮށްފައިވެއެވެ. އަދި ހުރިހާ ފަރާތްތަކަކުންވެސް މިފަހަރުގެ މުބާރާތް ގޭގައި ތިބެގެން ބަލަން ބާރު އަޅާކަމަށްވެސް ހާމަކޮށްފައިވެއެވެ.