ޚަބަރު

އިންޓަރ އާއި އޭސީ މިލާން ވިއްކާލަން މަސައްކަތް ކުރަނީ


އިޓާލިއަން ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ މިލާނަށް ނިސްބަތްވާ ދެ ކްލަބް ކަމަށްވާ އޭސީ މިލާން އާއި އިންޓަރ މިލާން ވިއްކާލަން އުޅޭކަމަށް އެޤައުމުގެ ނޫހަކުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ވިޔަފާރީގެ ހަބަރުތަކަށް ހާއްސަކޮށްގެން ނެރޭ އިސޯލޭވެންތިކްވަތުރޯރޭއިންނެވެ.

މިނޫހަކީ އިޓަލީވިލާތުގެ ފައިނޭންޝަލް ޓައިމްސްގެ ގޮތުގައި ބެލިފައިވާ ނޫހެކެވެ. އެނޫހުން ހާމަކުރިގޮތުގައި އިންޓަރގެ ވެރިޔާ ސުނިންގ އާއި މިލާން ހިންގާ ކުންފުނި އެލިއޮޓް މެނޭޖްމަންޓުން އަންނަނީ މިދެކްލަބް ވިއްކާލުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން ސުނިންގ ހުރީ އިންޓަރގަތުމަށް ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ މީހަކަށް ނުވަތަ ބަޔަކަށް އެ ކްލަބް ވިއްކާލަން ތައްޔާރަށެވެ. އަދި އެލިއޮޓް މެނޭޖްމަންޓުން މިލާނަށް ކުރި އެންވެސްޓްމަންޓްގެ ކަންތައްތައް ނިމުމަކަށް ގެންނަ ވަގުތު މިހާރުވަނީ ގާތްވެފައެވެ. ސުނިންގގެ މާލީ ހާލަތުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މިގޮތުން އިންޓަރގެ ހަރަދުތައް މިހާރުވެސް ވަނީ ވަރަށް ބޮޑުތަނުން ކުޑަކޮށްފައެވެ. އަދި ކޮރޯނާ ވައިރަހުގެ ސަބަބުން ލިބުނު ގެއްލުމުގެ ސަބަބުން ޗައިނީޒް ސުޕަރ ލީގުގެ ކްލަބް ޖިއާންގސޫ ސުނިންގ ވަނީ ހުއްޓަލާފައެވެ. އަދި އިންޓަރގެ މުހިންމު ދެކުޅުންތެރިންކަމަށްވާ ރޮމެލު ލުކާކޫ އާއި އަޝްރަފް ހަކީމީ ވަނީ ވިއްކާލާފައެވެ.

މިލާނަށް ބަލާލާއިރު އެލިއޮޓް މެނޭޖްމަންޓަކީ އިންވެސްޓްމަންޓް ފަންޑަކަށް ވެފައި އެލިއޮޓްގެ ދަށަށް މިލާން ދިޔައީ އެކްލަބްގެ ކުރީގެ ރައީސް ޔޮންގހޮންގ ލީ އެފަންޑުން ނެގި ފައިސާ ނުދެއްކުމުގެ ސަބަބުން އޭނަގެ މުދާތަށް އެފަންޑަށް ނެގުމުންނެވެ. އެފަންޑުގެ މައިގަނޑު އަމާޒަކަށް ވެފައިވީ ކްލަބްގެ ހާލަތު ރަނގަޅުކޮށް އެފަންޑަށް ފައިދާވާގޮތަށް އެކްލަބް ވިއްކާލުމެވެ. އެހެންކަމުން މިހާރު އެކްލަބް އަލުން ޗެމްޕިއަންސް ލިގާއި ހިސާބަށް އަލުން ގެންދެވިފައިވުމުން މިއީ އެލިއޮޓް މެނޭޖްމަންޓަށް އެންމެ ފައިދާ ވާގޮތަށް މިލާން ވިއްކާލަން އެންމެ ރަނގަޅު ވަގުތު ކަމުގައި އެފަންޑުން ދެކޭކަމަށް އެނުހުން ހާމަކުރެއެވެ.