ޚަބަރު

މި އަހަރުގެ އާޝޫރާ ދުވަހަކީ އަންނަ ބުދަދުވަސް


ރާއްޖެއަށް މި އަހަރުގެ އާޝޫރާ ދުވަހަކީ މިމަހުގެ 18 ވާ ބުދަ ދުވަސްކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ވިދާޅުވެފައި މިވަނީ ހިޖުރީއާ އަހަރު ފެށުމުގައި ޤައުމުތަކުގެ މެދުގައި މި އަހަރު ތަފާތުތަކެއް އައިސްފައިވުމުގެ ސަބަބުންނެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ޤައުމުތަކުގެ މެދުގައި ތަފާތުތަކެއް ހުރި ނަމަވެސް ކޮންމެ ޤައުމެއްގެ ރައްޔިތުންވެސް އަމަލުކުރަންވާނީ އެ ބަޔަކު ދިރިއުޅޭ ތަނުގެ އުސޫލާ އެއްގޮތަށްކަމަށެވެ. އެހެންކަމުން ރާއްޖެއަށް ހިޖުރީގޮތުން 1433 ވަނަ އަހަރުގެ މުހައްރަމް މަހުގެ އެއްވަނަ ދުވަހަކީ މި މަހުގެ ނުވަވަނަ ދުވަސްކަމަށް ވުމާއެކު މުހައްރަމްމަހުގެ 10 ވަނަ ދުވަސް ނުވަތަ އާޝޫރާ ދުވަހަކީ އަންނަ ބުދަ ދުވަސްކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މި އަހަރުގެ އާޝޫރާ ދުވަހު ރޯދަ ހިފުމަށް ނަސޭހަތްތެރިވެރިވެފައެވެ. އަދި އާޝޫރާ ދުވަހު ރޯދަ ހިފުން ސުންނަތް ގޮތަކީ އާޝޫރާ ދުވަހުގެ ކުރީ ދުވަހާއެކު ނުވަތަ އާޝޫރާ ދުވަހާއި އެ ދުވަހުގެ ފަހު ދުވަހާއެކު ރޯދަ ހިފުންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.