ޚަބަރު

އަފްޣާނިސްތާނުގެ ހަނގުރާމަ ނިމުނުކަން ޠާލިބާނުން އިޢުލާންކޮށްފި، ޙައްޤުތައް ކަށަވަރުކޮށްދޭނެ


އަފްޣާނިސްތާނުގެ ޙަނގުރާމަ ނިމުނުކަން ޠާލިބާން ޖަމާޢަތުން އިޢުލާންކޮށްފިއެވެ.

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް ޠާލިބާނުންގެ ބާރުގެ ދަށަށް ގެނައުމަށްފަހު އެ ޖަމާޢަތުގެ ސިޔާސީ ގޮފީގެ ތަރުޖަމާނުކަމަށްވާ މުޙައްމަދު ނަޢީމު ބުނެފައިވަނީ ޠާލިބާނުން ބޭނުންވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުއާއެކު ޞުލްޙަވެރި ގުޅުންތަކެއް ބޭއްވުމަށްކަމަށެވެ. އަދި މީގެ ކުރިން ޠާލިބާނުން ވެރިކަންކުރި ދުވަސްވަރު ބައިނަލްއަޤްވާމީ މުޖުތަމަޢުންވަނީ އެ ޖަމާޢަތް ބާކީކޮށް ބަލައިނުގަނެފައިކަމަށާއި އެއީ ތަކުރާރުވާން ބޭނުންވާކަމެއް ނޫންކަމަށް ނަޢީމު ބުނެފައިވެއެވެ. ދުނިޔޭގެ ގިނަ ޤައުމުތަކާއެކު ޚާތިޖީ ގުޅުންތައް ޠާލިބާނުން ބާއްވަމުންދާކަމަށާއި އިތުރު ޤައުމުތަކާއެކު ގުޅުންތައް ޤާއިމުކުރުމަށް އެ ޖަމާޢަތުން ބޭނުންވާކަމަށްވެސް ނަޢީމު ބުނެފައިވެއެވެ.

20 އަހަރުދުވަހަށްފަހު އަފްޣާނިސްތާނުގެ ވެރިކަމަށް ޠާލިބާނުން އައުމުން ބައިނަލްއަޤްވާމީ މުޖުތަމަޢުންވަނީ އެ ޤައުމުގެ އަންހެނުންގެ ޙައްޤުތައް ގެއްލިދާނެކަމުގެ ބިރުވެރިކަން ބޮޑުވެފައިވާކަމަށް ބުނެފައެވެ. އަދި އދންވަނީ އަފްޣާނިސްތާނުގެ އަންހެނުންނާއި އަންހެން ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މުޙިންމުަކަމެއް ދިނުމަށް ޠާލިބާނުންނަށް ގޮވާލައިފައެވެ. އޭގެ އިތުރުން އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމުޢިއްޔާތަކުންވަނީ ޠާލިބާނުން މީގެ ކުރިން އަފްޣާނިސްތާނުގައި ވެރިކަންކުރި ދުވަސްވަރުގައި އެ ޖަމާޢަތުން އަންހެނުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތައް ފާހަގަކޮށް ކަނބޮޑުވުންފާޅުކޮށްފައެވެ. އެ ގޮތުން ތަޢުލީމު އުނގެނުމާއި ވަޒިފާ އަދާކުރުމުގެ ޙައްޤުން އަންހެނުން މަޙްރޫމުކޮށްފައިވާކަން ޖަމުޢިއްޔާތަކުންވަނީ ފާހަގަކޮށްފައެވެ. އެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ނަޢީމު ބުނެފައިވަނީ ޝަރުއީ ހަމަތަކުގެ މަތިން އަންހެނުންނާއި ބައިމަދު މީހުންގެ ޙައްޤުތައް ޠާލިބާނުން ރައްކާތެރިކޮށްދޭނެކަމަށެވެ. އޭނާ ބުނީ އަފްޣާނިސްތާނުގެ ވެރިކަމަށް ޠާލިބާނުން އައިސްފައިވަނީ ބާރުގެ ބޭނުންކޮށްގެން ނޫންކަމަށާއި އެ ޖަމާޢަތަށް ޢާންމުންގެ ތާޢީދާއި ލޯބި އިންތިހާއަށް އޮތްކަމަށެވެ.

1996ވަނަ އަހަރުން ފެށިގެން އަފްޣާނިސްތާނުގައި އޮތް ޠާލިބާނުންގެ ވެރިކަން ނިމުމަކަށް އައިސްފައިވަނީ 2001ވަނަ އަހަރުގެ ސެޕުޓެންބަރު މަހުގެ 11ވަނަ ދުވަހު އެމެރިކާއަށް ދިން ޙަމަލާއާ ގުޅިގެން އެމެރިކާއާއި ނޭޓޯގެ ފައުޖުތައް އަފްޣާނިސްތާން އިސްތިޢުމާރުކުރުމުންނެވެ. ޠާލިބާނުންގެ ބާރުގެ ދަށަށް ދެވަނަ ފަހަރަށް އަފްޣާނިސްތާން ގެނައުމަށްފަހު އެ ޖަމާޢަތުންވަނީ އެ ޤައުމުގެ އަމީރުގެ މަޤާމަށް މުއްލާ ޢަބްދުލް ޣަނީ ބަރާދަރު ޢައްޔަންކޮށްފައެވެ.