ޚަބަރު

މެލޭޝިޔާގެ ބޮޑުވަޒީރުގެ މަޤާމުން މުޙްޔިއްދީން އިސްތިޢުފާދެއްވައިފި


މެލޭޝިޔާގެ ބޮޑުވަޒީރުގެ މަޤާމުން މުޙްޔިއްދީން ޔާސީން އިސްތިޢުފާދެއްވައިފިއެވެ.

މެލޭޝިޔާގެ ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޤައުމުގެ ރަސްގެފާން ޢަބްދުﷲއާ މުޙްޔިއްދީން ބައްދަލުކުރައްވައި އިސްތިޢުފާ ހުށަހަޅުއްވާފައިވާކަމަށެވެ. އަދި ޢަބްދުﷲ ރަސްގެފާންވަނީ މުޙްޔިއްދީންގެ އިސްތިޢުފާ ޤަބޫލުކުރައްވާފައިވާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް މެލޭޝިޔާގެ ބޮޑުވަޒީރުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެވެންދެން އެ މަޤާމުގައި ހުންނަވާނީ މުޙްޔިއްދީންކަމަށް ރިޔާސީ ގަނޑުވަރުގެ ބަޔާނުގައި ބުނެފައިވެއެވެ.

އޮގަސްޓު މަހުގެ 13ވަނަ ދުވަހު ޓީވީ މެދުވެރިކޮށް ވާހަކަދައްކަވަމުން މުޙްޔިއްދީންވަނީ އޭނާއަށް ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތު ނެތްކަމަށް ފުރަތަމަ ފަހަރަށް އިޢުތިރާފުވެވަޑައިގެންފައެވެ. އަދި މެލޭޝިޔާގެ ސިޔާސީ ނިޒާމު އިޞްލާޙްކުރުމަށް ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް މުޙްޔިއްދީންވަނީ ވިދާޅުވެފައެވެ. މުޙްޔިއްދީން ހުށަހެޅުއްވި އިޞްލާޙުތަކުގެ ތެރޭގައި ޤާނޫނުހަދާ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވުމާއި ބޮޑުވަޒީރުކަން ކުރެވޭނީ ފަސް އަހަރުގެ ދެ ދަޢުރަށްކަމަށް ކަނޑައެޅުން ހިމެނެއެވެ. ބަދަލެއްގެ ގޮތުގައި ޤާނޫނުހަދާ މަޖިލީހުގެ މެންބަރުން އޭނާއަށް ތާޢީދުކުރުމަށް މުޙްޔިއްދީންވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް އިދިކޮޅު ސިޔާސީ ޕާޓީތަކުންނާއި ސަރުކާރުގައި ހިމެނޭ އެންމެ ބޮޑު ޕާޓީންވަނީ އެ ހުށަހެޅުއްވުން ބަލައިގަންނަން ދެކޮޅު ހަދައި މުޙްޔިއްދީން އިސްތިޢުފާދެއްވުމަށް އެދިފައެވެ. އަދި މުޙްޔިއްދީންގެ ހުށަހެޅުއްވުންތަކަކީ ރިޝްވަތުގެ ގޮތުގައި އެ ޕާޓީތަކުން ސިފަކޮށްފައިވެއެވެ.

މެލޭޝިޔާގައި ސިޔާސީ ދެބަސްވުންތައް ބޮޑުވުމުން މުޙްޔިއްދީންވަނީ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ޖަލްސާތައް ބޭވުންވެސް މެދުކަނޑާލައިފައެވެ. އެ ގޮތުން ޤާނޫނުހަދާ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާޅާފައިވަނީ މުޙްޔިއްދީންނާ ދެކޮޅަށް އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް މަސައްކަތްކުރުމުންނެވެ.

2020ވަނަ އަހަރުގެ މާރިޗު މަހުގެ 1ވަނަ ދުވަހު ޢުމުރުފުޅުން 74 އަހަރުގެ މުޙްޔިއްދީން މެލޭޝިޔާގެ ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގަތީ އެ މަޤާމުގައި ހުންނެވި މަޙާތިރު މުޙައްމަދު އިސްތިޢުފާދެއްވުމުންނެވެ.