ޚަބަރު

ޠާލިބާނުންގެ ވެރިކަން ބަލައިގަނެގެން ނުވާނެ: އިނގިރޭސިވިލާތް


އަފްޣާނިސްތާނުގައި ޤާއިމުކޮށްފައިވާ ޠާލިބާން ޖަމާޢަތުގެ ވެރިކަން ބަލައިނުގަންނަން އިނގިރޭސިވިލާތުން ގޮވާލައިފިއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ޢާންމުކުރެއްވި ވީޑިޔޯއެއްގައި އޭނާ ވިދާޅުވީ ޠާލިބާނުންގެ ވެރިކަން ބަލައިގަތުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށާއި ދުނިޔޭގެ ޤައުމުތައް ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށެވެ. އދއާއި ނޭޓޯއާ ގުޅިގެން އަފްޣާނިސްތާނާމެދު ގޮތެއް ނިންމުމަށް ބޮރިސްވަނީ ހުޅަނގުގެ ޤައުމުތަކަށް ގޮވާލައްވައިފައެވެ. އަދި އަފްޣާނިސްތާނަކީ ހަނގުރާމަވެރި ޖަމާޢަތްތަކުގެ ހާއްޔަކަށްވުމުގެ ފުރުޞަތު ދީގެންނުވާނެކަމަށްވެސް އޭނާވަނީ ގޮވާލައްވައިފައެވެ.

އަފްޣާނިސްތާނުގައި ޤާއިމުކޮށްފައިވާ ޠާލިބާނުންގެ ވެރިކަން ބަލައިނުގަންނަން ފާޅުގައި ގޮވާލާފައިވާ ހަމައެކަނި ޤައުމަކީ އިނގިރޭސިވިލާތެވެ. އޭގެ އިތުރުން ރަޝިޔާއިން ބުނެފައިވަނީ ޠާލިބާނުންގެ ވެރިކަން އަދި ބަލައިނުގަންނަކަމަށެވެ. އިނގިރޭސިވިލާތާއި ރަޝިޔާއަކީ މާޒީގައި އަފްޣާނިސްތާނަށް ޙަމަލާދިނުމަށްފަހު އެ ޤައުމު އަޅުވެތިކޮށްފައިވާ ދެ ޤައުމެވެ.

ޠާލިބާނުންގެ ބާރުގެ ދަށަށް މުޅި އަފްޣާނިސްތާން ގެނައުމުން އެ ޤައުމުގެ ރައީސް އަޝްރަފް ޣަނީވަނީ ޤައުމު ދޫކުރައްވައި އަވަށްޓެރި ތަޖިކިސްތާނަށް ވަޑައިގެންފައެވެ. އަދި ޠާލިބާނުންވަނީ އެ ޤައުމުގެ އަމީރުގެ މަޤާމަށް މުއްލާ ޢަބްދުލް ޣަނީ ބަރާދަރު ޢައްޔަންކޮށްފައެވެ.