ޚަބަރު

ޤައުމު ދޫކުރައްވައި ވަޑައިގަތް ސަބަބު ޣަނީގެ ދުލުން، ވެރިކަން ލިބުނީ މުއްލާ ބަރާދުރަށް


އަފްޣާނިސްތާން ދޫކުރައްވައި ވަޑައިގަތީ ލޭއޮހޮރުވުން ހުއްޓުވުމަށްކަމަށް އެ ޤައުމުގެ ރައީސް އަޝްރަފް ޣަނީ ވިދާޅުވެއްޖެއެވެ.

ޠާލިބާން ޖަމާޢަތުގެ ހަނގުރާމަވެރިންގެ ބާރުގެ ދަށަށް އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް ގެނައުމުގެ މަދު ގަޑިއިރުތަކެއް ކުރިން ޣަނީވަނީ ޤައުމު ދޫކުރައްވައި އަވަށްޓެރި ތަޖިކިސްތާނަށް ވަޑައިގެންފައެވެ. އަދި އެއާއެކު އަފްޣާނިސްތާނުގެ ރިޔާސީ ގަނޑުވަރުވަނީ ޠާލިބާނުންގެ ބާރުގެ ދަށަށް ގެނެސްފައެވެ. ޠާލިބާނުންވަނީ އެ ޖަމާޢަތުގެ ހަނގުރާމަވެރިން އަފްޣާނިސްތާނުގެ ރިޔާސީ ގަނޑުވަރުގައި ޙަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިޔޯއެއްވެސް ޢާންމުކޮށްފައެވެ.

އަފްޣާނިސްތާން ދޫކުރައްވައި ވަޑައިގެންނެވުމަށްފަހު މީސްމީޑިޔާގައި ޝާއިރުކުރެއްވި ލިޔުމެއްގައި ޣަނީ ވިދާޅުވެފައިވަނީ ޤައުމު ދޫކުރައްވައި ވަޑައިގެންނެވުމަކީ އެފަދަ ޙާލަތެއްގައި ކުރައްވަން އެންމެ ރަނގަޅުކަންކަމަށެވެ. ޠާލިބާނުންނަށް ކާމިޔާބީ ލިބުނީ ކަނޑިޔާއި ބަޑީގެ ބާރުންކަމަށް ފާހަގަކުރައްވަމުން ޣަނީ ވިދާޅުވީ އެ ޖަމާޢަތަށް ކުރިމަތިވެފައިވަނީ ތާރީޚީ އިމުތިހާނަކާކަމަށެވެ. އަދި އަފްޣާނިސްތާނުގެ ރައްޔިތުންގެ ޙައްޤުތަކާއި ޤައުމުގެ ރައުސުލްމާލް ރައްކާތެރިކުރުމުގެ ޒިންމާ އޮތީ ޠާލިބާނުންނަށްކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާން ގެނައުމަށްފަހު އެ ޖަމާޢަތުންވަނީ އެ ޤައުމުގެ އަމީރުގެ މަޤާމަށް މުއްލާ ޢަބްދުލް ޣަނީ ބަރާދަރު ޢައްޔަންކޮށްފައެވެ. ޢުމުރުން 53 އަހަރުގެ މުއްލާ ބަރާދުރަކީ ޠާލިބާން ޖަމާޢަތް އުފެއްދުމުގައި އިސްކޮށް ޙަރަކާތްތެރިވެފައިވާ މީހެކެވެ. އަދި އެއީ އެ ޖަމާޢަތުގެ ދެވަނައަށް އެންމެ އިސްވެރިޔާއެވެ. 2010ވަނަ އަހަރުގެ ތެރޭގައި ޕާކިސްތާނުގެ ޖާސޫސީ އިދާރާއަކުންވަނީ އޭނާ ހައްޔަރުކޮށްފައެވެ. ނަމަވެސް އެމެރިކާގެ ސަރުކާރުގެ އެދުމުގެ މަތިން 2018ވަނަ އަހަރުގެ ތެރޭގައި ޕާކިސްތާނުންވަނީ އޭނާ މިނިވަންކޮށްފައެވެ.