ޚަބަރު

އަފްޣާނިސްތާނުގެ ރިޔާސީ ގަނޑުވަރު ޠާލިބާނުންނަށް، ޣަނީ ވަޑައިގަތީ ތަޖިކިސްތާނަށް


ޠާލިބާން ޖަމާޢަތުގެ ހަނގުރާމަވެރިންގެ ބާރުގެ ދަށަށް އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް ގެނައުމުން އެ ޤައުމުގެ ރައީސް އަޝްރަފް ޣަނީ ޤައުމު ދޫކުރައްވައި ވަޑައިގެންފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަފްޣާނިސްތާން ދޫކުރައްވައި ޣަނީ ވަޑައިގެންނެވީ އަވަށްޓެރި ތަޖިކިސްތާނަށެވެ. އަދި އެއާއެކު އަފްޣާނިސްތާނުގެ ރިޔާސީ ގަނޑުވަރުވަނީ ޠާލިބާނުންގެ ބާރުގެ ދަށަށް ގެނެސްފައެވެ.

ފާއިތުވި ދުވަސްތަކުގައި އަފްޣާނިސްތާނުގެ އެކި ސަރަޙައްދުތަކަށް ޠާލިބާނުން ދެމުންދާ ވަރުގަދަ ޙަމަލާތަކުގައި އެ ޤައުމުގެ ސަރަޙައްދީ 10 ވެރިރަށްވަނީ އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި އަފްޣާނިސްތާނުގެ ދެވަނައަށް އެންމެ ބޮޑު ރަށްކަމަށްވާ ކަންދަހާރާއި އެ ޤައުމުގެ ތިންވަނައަށް އެންމެ ބޮޑު ރަށްކަމަށްވާ ހީރަތު ހިމެނެއެވެ. އަދި އެ ޖަމާޢަތުގެ ހަނގުރާމަވެރިންވަނީ ކާބުލް ވަށައިލައިފައެވެ. ޠާލިބާނުން ކާބުލްއަށް ވަދެގަނެ އަފްޣާނިސްތާނުގެ މުޙިންމު އިދާރާތައް އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެންގޮސްފައިވަނީ ކުރިޔަށް އޮތް 90 ދުވަހުގެ ތެރޭގައި އެ ޖަމާޢަތުގެ ބާރުގެ ދަށަށް ކާބުލް ގެންދާނެކަމަށް އޮގަސްޓު ،މަހުގެ 12ވަނަ ދުވަހު އެމެރިކާއިން ބުނެފައިވަނިކޮށެވެ. އެއާއެކު އެމެރިކާގެ ޖާސޫސީ އިދާރާތަކުން ޢާންމުކުރި މަޢުލޫމާތުތަކާމެދު ގިނަ ބަޔަކުވަނީ ސުވާލުއުފައްދައިފައެވެ.

ޠާލިބާނުން ބުނާ ގޮތުގައި އަފްޣާނިސްތާނުގައި އެ ޖަމާޢަތަށް ބޮޑެތި ކުރިއެރުންތަކެއް ހޯދުނީ ޢާންމުންގެ މެދުގައި ޖަމާޢަތުގެ މަޤްބޫލުކަން ބޮޑުވުމުންނެވެ. އެ ގޮތުން މަދު ހަފުތާތަކެއްގައި އަފްޣާނިސްތާނުގެ މުޙިންމު ރަށްތައް ޠާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައިވަނީ ބޮޑު ހަނގުރާމައެއް ނުކޮށްކަމަށާއި ކާބުލްއަށް ވަނުމުގެ ކުރިން އެއްވެސް އުނދަގުލަކާ ނުލައި ޖަލާލްއާބާދާއި މަޒާރީޝަރީފު އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެންގޮސްފައިވާކަމަށް ޠާލިބާނުން ބުނެފައިވެއެވެ. މީގެ ހަފުތާއެއްހާ ދުވަސްކުރިން ޣަނީވަނީ މަޒާރީޝަރީފަށް ވަޑައިގެން އެ ރަށުގައި ދިރިއުޅޭ ހަނގުރާމަވެރި ޤަބީލާތަކުގެ އެހީއަށް އެދިވަޑައިގެންފައެވެ. ނަމަވެސް ބެލެވޭ ގޮތުގައި ޠާލިބާނުންގެ ބާރުގެ ދަށަށް އެ ރަށް ގެންދިޔުމަށް ފުރުޞަތު ލިބުނީ އެ ޖަމާޢަތާ ދެކޮޅަށް ހަނގުރާމަވެރި ޤަބީލާތަކުން ނުނިކުތުމުންނެވެ.

ޠާލިބާނުންވަނީ އަފްޣާނިސްތާނުގެ ރަށްތަކުން އެ ޖަމާޢަތުގެ ހަނގުރާމަވެރިންނަށް ލިބެމުންދާ ތަރުޙީބާއި ލޯބި ދައްކުވައިދޭ ވީޑިއޯއެއްވެސް ޢާންމުކޮށްފައެވެ. އަދި ޠާލިބާނުން ބޭނުންވަނީ އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމުކޮށް އިސްލާމީ ހަމަތަކުގެ މަތިން ވެރިކަންކުރާ ސަރުކާރެއް ޤާއިމުކުރުމަށްކަމަށްވެސް އެ ޖަމާޢަތުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ޠާލިބާނުންގެ ބާރުގެ ދަށަށް ކާބުލް ގެންގޮސްފައިވަނީ އެ ރަށުގައި ހުންނަ ބޭރުގެ އެންބަސީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެ ޤައުމުތަކުގެ ރައްޔިތުންނާއި ބޭރުގެ ފައުޖުތަކަށް އެހީތެރިވެފައިވާ އަފްޣާނިސްތާނުގެ ރައްޔިތުން އެ ޤައުމުން ގެންދިޔުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ. އެ ގޮތުން ޠާލިބާނުންގެ ބާރުގެ ދަށަށް ކާބުލް ދިޔުމުން ބޭރުގެ ބައެއް ޤައުމުތަކުންވަނީ އެ ރަށުގައި ހުންނަ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް އެ ޤައުމުތަކުގެ އެންބަސީތައް ވަޤުތީގޮތުން ބަދަލުކޮށްފައެވެ. އަފްޣާނިސްތާނަށް ދަތުރުކުރެވެން އޮންނަ ހަމައެކަނި ވައިގެ ބަނދަރު އޮތީ އެމެރިކާގެ ފައުޖުތަކުގެ ބާރުގެ ދަށުގައެވެ.

ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާން ގެންގޮސްފައިވަނީ 20 އަހަރުދުވަހަށްފަހު އެމެރިކާއާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ ފައުޖުތައް އެ ޤައުމުން ފައިބަމުންދާ ދަނޑިވަޅެއްގައެވެ. ބެލެވޭ ގޮތުގައި ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އަފްޣާނިސްތާނުގައި ޠާލިބާނުންގެ ވެރިކަމެއް އިޢުލާންކުރާނެއެވެ. 1996ވަނަ އަހަރުން ފެށިގެން އަފްޣާނިސްތާނުގައި އޮތް ޠާލިބާނުންގެ ވެރިކަން ނިމުމަކަށް އައިސްފައިވަނީ 2001ވަނަ އަހަރުގެ ސެޕުޓެންބަރު މަހުގެ 11ވަނަ ދުވަހު އެމެރިކާއަށް ދިން ޙަމަލާއާ ގުޅިގެން އެމެރިކާއާއި ނޭޓޯގެ ފައުޖުތައް އަފްޣާނިސްތާން އިސްތިޢުމާރުކުރުމުންނެވެ.