ޚަބަރު

އަފްޣާނިސްތާނުން އެމެރިކާގެ ފައުޖުތައް ބޭލުން ބައިޑަން ދިފާޢުކުރައްވައިފި


ޠާލިބާން ޖަމާޢަތާ ދެކޮޅަށް ހަނގުރާމަކުރަން ޖެހޭނީ އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުންކަމަށް ވިދާޅުވެ އަފްޣާނިސްތާނުން އެމެރިކާގެ ފައުޖުތައް ބޭލުމަށް ނިންމެވި ނިންމެވުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ދިފާޢުކުރައްވައިފިއެވެ.

އަފްޣާނިސްތާނުގެ ޙާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބައިޑަން ވިދާޅުވީ އެ ޤައުމުގެ ވެރިރަށް ކާބުލްގައި ހުންނަ އެމެރިކާގެ އެންބަސީގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެ ޤައުމުގައި ތިބި އެމެރިކާގެ ރައްޔިތުން ސަލާމަތްކުރުމަށް 5،000 ސިފައިންގެ މައްޗަށް އެކުލެވޭ ފައުޖެއް ފޮނުއްވާފައިވާކަމަށެވެ. އަދި ޠާލިބާނުންގެ ޙަމަލާއެއްގައި އެމެރިކާގެ ރައްޔިތެއްގެ ފުރާނަ ގެއްލިއްޖެނަމަ އެ ޖަމާޢަތާ ދެކޮޅަށް ބާރުގެ ބޭނުންކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ބައިޑަން ވިދާޅުވިއެވެ. ނަމަވެސް ދިގުދެމިގެންވާ މުއްދަތަކަށް އެމެރިކާގެ ފައުޖުތައް އަފްޣާނިސްތާނުގައި ޙަރަކާތްތެރިވުމުގެ ފުރުޞަތެއް ނެތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޮގަސްޓު މަސް ނިމުމުގެ ކުރިން އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އެމެރިކާގެ ފައުޖުތައް އެ ޤައުމުން ބާލާނެކަމަށް ބައިޑަންވަނީ މީގެ ކުރިން އިޢުލާންކުރައްވައިފައެވެ. އެ ނިންމެވުން ދިފާޢުކުރައްވައި ވާހަކަދައްކަވަމުން ބައިޑަން ވިދާޅުވީ އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުން ޠާލިބާނުންނާ ދެކޮޅަށް ހަނގުރާމަކޮށް ޤައުމު ދިފާޢުކުރުމަށް ފަސްޖެހޭނަމަ ނުވަތަ ނުކުޅެދޭނަމަ އެމެރިކާގެ ފައުޖުތައް އަފްޣާނިސްތާނުގައި ޙަރަކާތްތެރިވުމުގެ ބޭނުމެއް ނެތްކަމަށެވެ. އަދި އެހެން ޤައުމެއްގެ ދާޚިލީ ހަނގުރާމައެއްގައި އެމެރިކާއިން ބައިވެރިވުމަކީ އޭނާ ޤަބޫލުކުރައްވައި ކަމެއްނޫންކަމަށްވެސް ބައިޑަން ވިދާޅުވިއެވެ.

20 އަހަރު ދުވަހަށްފަހު އަފްޣާނިސްތާނުން އެމެރިކާގެ ފައުޖުތައް ބޭލުމަށް ނިންމެވި ނިންމެވުން ދިފާޢުކުރައްވައި ބައިޑަން ވާހަކަދައްކަވާފައިވަނީ ފާއިތުވި ހަފުތާގެ ތެރޭގައި އަފްޣާނިސްތާނުގެ ސަރަޙައްދީ 10 ވެރިރަށެއް ޠާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ދަނޑިވަޅެއްގައެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ޠާލިބާނުންގެ ބާރުގެ ދަށަށް ކާބުލް ގެންދާނެކަމަށްވަނީ ލަފާކޮށްފައެވެ. ޠާލިބާނުންގެ ބާރުގެ ދަށަށް ކާބުލް ގެންދިޔުމުގެ ކުރިން އެ ރަށުގައި ހުންނަ ބޭރު ޤައުމުތަކުގެ އެންބަސީގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެ ޤައުމުތަކުގެ ރައްޔިތުންނާއި ބޭރުގެ ފައުޖުތަކަށް އެހީތެރިވެފައިވާ އަފްޣާނިސްތާނުގެ ރައްޔިތުން އެ ޤައުމުން ގެންދިޔުމުގެ މަސައްކަތްވަނީ ފަށައިފައެވެ.

1996ވަނަ އަހަރުން ފެށިގެން އަފްޣާނިސްތާނުގައި އޮތް ޠާލިބާނުންގެ ވެރިކަން ނިމުމަކަށް އައިސްފައިވަނީ 2001ވަނަ އަހަރުގެ ސެޕުޓެންބަރު މަހުގެ 11ވަނަ ދުވަހު އެމެރިކާއަށް ދިން ޙަމަލާއާ ގުޅިގެން އެމެރިކާއާއި ނޭޓޯގެ ފައުޖުތައް އަފްޣާނިސްތާން އިސްތިޢުމާރުކުރުމުންނެވެ.