ޚަބަރު

ޖަލުގައި ހުންނެވި ޒޫމާ އޮޕަރޭޝަނެއް ކުރައްވައިފި


ޖަލުގައި ހުންނެވި ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖޭކޮބް ޒޫމާ އޮޕަރޭޝަނެއް ކުރައްވައިފިއެވެ.

ދެކުނު އެފްރިކާގެ ޖަލުތައް ބަލަހައްޓާ ވުޒާރާއިން ބުނެފައިވަނީ ޒޫމާގެ އިތުރު އޮޕަރޭޝަންތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށާއި އޭނާ އޮންނެވީ ހަސްފަތާލުގައި އެނދުމަތިކޮށްފައިކަމަށެވެ. ނަމަވެސް ޒޫމާގެ ޞިއްޙީ ޙާލަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް އެ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ. އަދި އޮޕަރޭޝަންތަކަށްފަހު އޭނާ ހަސްފަތާލުން ދޫކޮށްލާނެ ތާރީޚެއްވެސް އެ ވުޒާރާއިން ބުނެފައެއް ނުވެއެވެ.

ޖޫން މަހުގެ ތެރޭގައި ދެކުނު އެފްރިކާގެ އެންމެ މަތީ ކޯޓުންވަނީ 15 މަސް ދުވަހަށް ޒޫމާ ޖަލުގައި ބަންދުކުރުމަށް ޙުކުމުކޮށްފައެވެ. 2009ވަނަ އަހަރުން 2018ވަނަ އަހަރަށް ދެކުނު އެފްރިކާގެ ވެރިކަންކުރެއްވި ޒޫމާ ޖަލުގައި ބަންދުކުރުމަށް ޙުކުމުކޮށްފައިވަނީ ޚީޔާނާތުގެ ތަޙްޤީޤަށް އޭނާ އެއްބާރުލުން ނުދެއްވުމުންނެވެ. އޮޕަރޭޝަން ކުރެއްވުމުގެ ކުރިން ޒޫމާވަނީ އޭނާ ޖަލުގައި ބަންދުކުރުމަށް ކޮށްފައިވާ ޙުކުމު ބާޠިލުކޮށްދިނުމަށް އެދިވަޑައިގެންފައެވެ. ޒޫމާ ވިދާޅުވި ގޮތުގައި އޭނާ ޖަލުގައި ހުންނަވަނިކޮށް ކޯވިޑް-19 ޖެހިއްޖެނަމަ އޭނާގެ ފުރާނަގެއްލުން އެކަށީގެންވެއެވެ.

ހަސްފަތާލުގައި ޒޫމާ އެނދުމަތިކުރުމުން ދެކުނު އެފްރިކާގެ އެންމެ މަތީ ކޯޓުންވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ޚިޔާނާތުގެ ދަޢުވާގެ އަޑުއެހުންތައް ސެޕުޓެންބަރު މަހުގެ 9ވަނަ ދުވަހަށް ފަސްކޮށްފައެވެ. އަދި ޒޫމާގެ ޞިއްޙީ ޙާލަތާ ގުޅޭ ލިޔެކިޔުންތައް އޮގަސްޓު މަހުގެ 20ވަނަ ދުވަހު ހުށަހެޅުމަށް ކޯޓުން ޢަމުރުކޮށްފައިވެއެވެ.

ޢުމުރުފުޅުން 79 އަހަރުގެ ޒޫމާގެ މައްޗަށް ކޮށްފައިވަނީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިންނާއި ވެރިކަމުގައި ހުންނެވި ދުވަސްވަރުގައި ޚިޔާނާތުގެ ޢަމަލުތައް ހިންގެވުމުގެ ތުޙްމަތުތަކެކެވެ. އޭގެ ތެރޭގައި 1999ވަނަ އަހަރުގެ ތެރޭގައި ދެކުނު އެފްރިކާގެ ނައިބު ރައީސްކަން ޒޫމާ ކުރެއްވި ދުވަސްވަރުގެ ތެރޭގައި އެ ޤައުމުން ކޮށްފައިވާ ދެ ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ހަތިޔާރު ގަތުމުގެ މުޢާމާލަތެއްގެ ތަޙްޤީޤުވެސް ހިމެނެއެވެ. އޭގެ އިތުރުން އިންޑިޔާގެ ގުޕުތާ ޢާއިލާއެކު ހިންގެވި ޚިޔާނާތުގެ ޢަމަލުތަކެއްގެ ތަޙްޤީޤުވެސްވަނީ ފަށައިފައެވެ. އެ ތުޙްމަތުތަކަކަށް އިންކާރުކުރައްވައި ތަޙްޤީޤަށް އެއްބާރުލުން ދެއްވަން އިންކާރުކުރައްވާކަމަށް ޒޫމާވަނީ ވިދާޅުވެފައެވެ.